29 Jan 2013, 15:45
އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ހަތަރު ދަރިންގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅު ބްރޫކްލީން ބެކަމް ޔޫރަޕްގެ ޗެމްޕިއަން ޗެލްސީގެ ޔޫތު ޓީމާ ގުޅިއްޖެ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.
ދަ އެސޯސިއޭޓެޑް ޕްރެސްގައި ވާ ގޮތުން މިދިޔަ އަންގާރަ ދުވަހު ޗެލްސީގެ ޓްރެއިނިން ފެސިލިޓީޒްގައި އޮތް 14 އަހަރުން ދަށުގެ މެޗެއްގައި ޗެލްސީ ޓީމަށް 13 އަހަރުގެ ބްރޫކްލީން ވަނީ ކުޅެފައި ކަމަށް އޭނާއާ ގާތް ފަރާތަކުން ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދީފައި ވެއެވެ.
އަދި އަންގާރަ ދުވަހު ބްރޫކްލިން ކުޅެމުންދިޔަ މަންޒަރު ބަލަން ބެކަމް ހުރި މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ޓްވިޓާގައި އާންމުވެފައި ވަނިކޮށް ބުދަ ދުވަހު އެ ހަބަރު ވަނީ ޑެއިލީ މެއިލްގެ ވެބްސައިޓުގައި ވެސް ޝާއިއު ކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނާގޮތުގައި އެގައުމުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު ބްރޫކްލީން މަސައްކަތް ކުރަމުން ގެންދަނީ އޭނާގެ ބައްޕަ ހިނގި މަގުން ކުރިއަށް ދިއުމަށެވެ. އަދި ދުރު ނޫން މުސްތަގުބަލެއްގައި އޭނާ ޗެލްސީއާ ގުޅުނުކަން ރަސްމީކޮށް އިއުލާން ކުރާނޭ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.