29 Jan 2013, 15:34
ލ. މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ސޭޓަކަށް ހުރެ އެރަށު އިތާ މުހައްމަދު ނައީމް އެ ފިހާރައިގެ ފައިސާއަށް އިހުމާލުވެފައިވާ ކަން ތަހުގީގުން އެނގެން އޮންނާތީ އެ ފައިސާ ހޯދުމަށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ މާވަށު ރައްޔިތުންގެ ތެޔޮ ފިހާރައިން ތެޔޮ ވިއްކި ދިހަ ބިލެއްގައި ފައިސާ ލިބުނުކަމުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމަށްފަހު "ލިބޭ ފައިސާ އޮފީހާ ހަވާލުކުރާ" ފޮތުގައި ލިޔުމަށްފަހު އެ ފައިސާ ކައުންސިލް އިދާރާއާ ހަވާލުކޮށްފައި ނުވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ބިލްތަކުގެ ކަސްޓަމަރު ކޮޕީ ހޯދިއިރު ފައިސާ ލިބުނުކަމަށް އެބިލްތަކުގައި ފިހާރައިގެ ސޭޓް ނައީމް ސޮއިކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
ފައިސާ ލިބުނު ކަމުގެ ތައްގަނޑު ޖަހައި ފައިސާ ބަލައިގަތުމަށް ފަހު މާވަށު ކައުންސިލް އިދާރާއާ ފައިސާ ހަވާލުކޮށްފައި ނުވާ 10 ބިލަށް އަރާފައި ވަނީ 76،327ރ. ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް އޭސީސީން ވަނީ އެދިފަ އެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއާ، ރައްޔިތުންނަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގެ އިތުރު އެފައިސާ އަނބުރާ ހޯދުމަށް ކުރަންޖެހޭ ދައުވާ ކުރުމަށެވެ.