ޕްރުކްސާ ކޮރަލްވިލް ހައުސިން މަޝްރޫއުގެ މަސައްކަތްތަކެއް ކޮށްގެން ޖަވާޒު ކޮންސްޓްރަކްޝަނަށް ނުލިބިވާ ކަމަށް ބުނާ ފައިސާ ހޯދަން ދައުވާކޮށްފައި ވަނިކޮށް ޕްރުކްސާ އިން ޖަވާޒުން ކޮށްފައިވާ ބައެއް މަސައްކަތްތައް ހަލާކުކޮށް ފަސް އަޅަމުންދާކަމަށް ބުނެ ޖަވާޒް ކޮންސްޓަރްކްޝަނުން މީހުން ސައިޓަށް ވަދެ އިހުތިޖާޖު ކުރަމުން އެބަދެ އެވެ.


ޖަވާޒުން ބުނީ 533000 ޑޮލަރު ހޯދުމަށް ޕްރުކްސާގެ މައްޗަށް ދައުވާކޮށްފައިވާނެ ކަމަށެވެ.


އެ ދައުވާ ކުރުމުން ތައިލެންޑުގެ ކުންފުނިން ހިތްހަމަނުޖެހި، އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ނައްތާލަން މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލޭގައިވާ މަސައްކަތުގެ ސައިޓަށް ޖަވާޒުގެ ގިނަ އަދަދެއްގެ މީހުން ވަނީ މިއަދު 4:00 ޖެހިއިރު ކަމަށް ވެސް ޖަވާޒުން ބުންޏެވެ.


ޖަވާޒު ކޮންސްޓަރްކްޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަލީ މިއަދު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ފައިސާ ނުދީގެން ކޯޓަށް ގޮސްފައި ވަނިކޮށް ޕްރްކާސާ މީހުން ސައިޓަށް ވަދެ ޖަވާޒުން ކޮށްފައިވާ މަސައްކަތްތައް އެކްސްކަވޭޓަރަކުން ހަލާކުކޮށް ބައެއް ތަންތަނަށް ފަސްލައި މަސައްކަތްތައް ނައްތާލަން މިއަދު މަސައްކަތް ކޮށްފައިވާ ކަމަށެވެ. ބައެއް ތަކެއްޗާއި ޖަނަރޭޓަރެއް ހަލާކު ކޮށްލާފައިވާއިރު މުޅި ތަނަށް ތައިލެންޑް ކުންފުނި ވެރިވެ ޖަވާޒުގެ ބައެއް މަސައްކަތަކަށް ފަސްލާ ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


 އޭނާ ވިދާޅުވީ އޭނާގެ މުވައްޒަފުންނާއި އެ މުވައްޒަފުންނާ ސިދާ ގުޅިފައިވާ 44 އަށް ވުރެ ގިނަ އާއިލާގެ މީހުން ސައިޓަށް ވަދެ އެ ތިބީ މައްސަލަ ޝަރީއަތުގައި އޮއްވައި މަސައްކަތްތައް ހަލާކު ކުރަމުންދާތީ އާއި ލިބެން ޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ. އެމީހުން އެތަނުން ނުކުންނާނީ މައްސަލައަށް ގޮތެއް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އަޅުގަނޑުމެނަށް ލިބެން ޖެހޭ ފައިސާ އާއި ސީދާ ގުޅުންހުރި އެތައް ބަޔަކު އެބަތިބި. އެ އެއާއިލާތަކުގެ މީހުން އެތަނަށް ވަދެ އެތިބީ ނުކުންނަ ގޮތަކަށް ނޫން. އެކަމަކު އަޅުގަނޑުމެންގެ އެއްވެސް މީހަކު ހަމަނުޖެހުމެއް ނުހިންގާނެ،" އިބްރާހިމް އަލީ ވިދާޅުވި އެވެ." ދެ ފަރާތުންގެ މީހުން  ވެސް ސައިޓްގައި އެބަތިބި. އަޅުގަނޑުމެންގެ މީހުން ނުކުންނާނީ ލިބެން ޖެހޭ ފައިސާއާ މެދު ގޮތެއް ނިމުނީމާ. ވަކި ގޮތަކަށް މިކަން ނިމެންދެން ތިބޭނެ،"


މި މައްސަލަ މިއަދު ނުކުތުމުން ފުލުހުންގެ ޓީމެއް ވެސް މިއަދު އެތަނަށް ގޮސްފައިވެ އެވެ. ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފައިސާގެ މުއާމަލާތަކާ ގުޅިފައިވާ މި މައްސަލަ ދިމާވެ ދެ ފަރާތުގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ކުރިމަތިވުމުން ފުލުހުން ގޮސް ދެ ފަރާތަށް ވެސް މިއަދު ނަސޭހަތް ދީފައިވާ ކަމަށެވެ.
ޕްރުކްސާ އެޗްޑީސީ ހައުސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހިންގާ ކޮރަލް ވިލްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަސައްކަތުގެ މެއިން ކޮންޓްރެކްޓާ ކޭސޯން ކޮންސްޓްރަކްޝަނާއި ޖަވާޒު ކޮންސްޓްރަކްޝަނާ ދެމެދު ވެސް ފައިސާގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.