29 Jan 2013, 14:28
ސައްހަ ނޫން އައިޑީކާޑެއް ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ވަގު އައިޑީކާޑެއް ގެންގުޅުމުގެ ކުށުގައި ޖޫރިމަނާ ކޮށްފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުގެ ރޭ 12:30 ހާއިރު ސްރީލަންކާއިން އޭނާ ރާއްޖެ އައި އިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރަކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަސްޓަމްސް އޮފިސަރުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި ކަމަށެވެ.
އަދި އެ ހުކުމްގައި ބުނަނީ ކަސްޓަމްސްގެ އޮފިސަރުން އޭނާގެ ވޮލެޓް ޗެކްކުރި އިރު އޭނާގެ ފޮޓޯ ޖެހި ސައްހަ ނޫން އައިޑީކާޑެއް ފެނިފައިވާކަމާއި އަދި އެވަގުތު އެ ކާޑުގައި ހުރި ފޮޓޯ ކަހާލުމަށް އޭނާ މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ ދޮގުހެކި ދިނުމުގެ ކުށުގެ ދައުވާ އެވެ.