ލ. މާމެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އެ ކައުންސިލްގެ މެމްބަރު އަހުމަދު ފައިސަލް އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އަހުމަދު ފައިސަލް އިސްތިޢުފާ ދެއްވި އިރު އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ކައުންސިލުގެ ދެ މެމްބަރަކު ސޮއިކޮށް އެ ކައުންސިލަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ.

އެކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިޢުފާ ދެއްވައި ކައުންސިލަށް އަހުމަދު ފައިސަލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ކައުންސިލްގައި ހޭދަކުރެއްވި ދެ އަހަރު ދުވަހު އެ ކައުންސިލުގައި މަސައްކަތް ކުރައްވާފައި ވަނީ ރައްޔިތުންގެ ހައްގުގައި ވަކިއަތަކަށް ބުރަވުމެއް ނެތި ވަކި ކުލައަކަށް ވަކި ނަސްލަކަށް ބެލުމެއް ނެތި ކަމަށެވެ. ނަމަވެސް މިއަދު ވެރިިކަމުގެ ޖަޒުބާތު އިތުރުވެ ވެރިކަމަށް ގިނަ ބަޔަކު ފައިނަގާފައި ވާތީ އޭނާއަކީ ވެރިކަން ދިފާއުކޮށް ތާއަބަދު އެ މަގާމުގައި ހުންނަވަން ބޭނުން ބޭފުޅަށް ނުވާތީ މަގާމުން އިސްތިއުފާދެއްވީ ކަމަށެވެ.

ދެ މެންބަރުންގެ ގަރާރުގައި ބުނެފައި ވަނީ މާމެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ފައިސަލް އެ މަގާމުން ދުރުކުރުމަށް ގަރާރެއް ހުށަހަޅަން ޖެހުނީ ފައިސަލް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހެމުން ދާތީ އާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުގެންދާތީ އާއި ކައުންސިލުން ނިންމާ ނިންމުންތައް އަމިއްލައަށް ބަދަލު ގެންނަމުންދާތީ އާއި ކައުންސިލް ހިންގުމުގައި ގާނޫނާ ހިލާފްވަމުންދާތީ އާއި މަގާމުގެ މަަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ މަގާމުން އިސްތިއުފާދިނުމަށް ނަސޭހަތްތެރިވުމުން ވެސް އެކަންތައްތައް އިސްލާހުކޮށްފައިނުވާތީ ކަމަށެވެ.

މާމެންދޫ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ކަނޑައަޅައި، އެ މަގާމަށް އެކައުންސިލްގެ މެމްބަރު އަލީ ޝިފާޒް ވަނީ ހަމަޖައްސާފަ އެވެ. އަދި އެކައުންސިލުން ވަނީ އެކަން ލޯކަލް ގަވާންމަންޓް އޮތޯރިޓީ އަށް ވެސް އަންގައިފަ އެވެ.