29 Jan 2013, 14:09
އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑު ސަރުކާރާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ކޮށްފައިވާ ހުކުމްގައިވާ މުއްދަތު އިއްޔެއަށް ހަމަވެފައިވާތީ ހުކުމުގައި ވާ ގޮތަށް އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ އުސްފަސްގަނޑު ނަގައިދިނުމަށް އެދި ހައުސިން މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސިޓީއެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
"ހައުސިން މިނިސްޓްރީގެ ސިޓީއެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން،" ހަނީފް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި މި ވަގުތު އޮތް އުސްފަސްގަނޑު ސަރަހައްދު ސަރުކާރާ ހަވާލުކުރުމުގެ ގޮތުން ހަތް ދުވަހުގެ ތެރޭގައި އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.