29 Jan 2013, 13:47
މާލޭގެ މަގުތައް އަލި ކުރުމަށްޓަކައި ހޮޅިދަނޑިތަކެއްގައި ބައްތި ދިއްލުމާއި ސާވައިލެންސް ކެމެރާ ހަރުކޮށް، ވައިފައި ސްޕޮޓްތަކެއް ގާއިމްކޮށް، ޕަބްލިކް ޑިޒާސްޓާ އެލާޓް ބްރޯޑްކާސްޓް ކުރެވޭ ނިޒާމް ގާއިމް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ބޭރުގެ ބަޔަކާ ގުޅިގެން ފަށަން ރާވާފައިވާ "މާލެ ނެޓް" ޕްރޮޖެކްޓަށް ސަރުކާރުން އެއްބާރުލުން ނުލިބުމުން، އެ ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށް ބުނާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓިން ބަލަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލާގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ސަމާހު އާއި ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ސުޖާއު މިއަދު ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.
މާލޭ ސީޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ޔޫރަޕްގެ ކުންފުންޏަކާ ގުޅިގެން ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މާލޭ ނެޓް" ޕްރޮޖެޓަށް 2.6 މިލިއަން ޔޫރޯގެ (54.63 މިލިއަން ރުފިޔާ) ލޯނެއް ޔޫރަޕިއަން އިންވެސްމަންޓް ބޭންކުން ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ލޯނު ދޫކުރަން ނިންމާފައި ވަނީ މާލެ ނެޓް ޕްރޮޖެޓް ހިންގާ ޔޫރަޕްގެ ކުންފުޏަށް ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވާ ކަން ޔޫރަޕިއަން އިންވެސްމަންޓް ބޭންކަށް ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން ކަށަވަރު ނުކޮށްދިން ކަމަށެވެ.
"ޔޫރަޕްގެ ބޭންކަކުން މިއިންނަނީ ކީ އެސްޗޭންޗު ކުރަން. ކީ އެސްޗެންޗު މި ކުރަނީ ޑައިރެކްޓް ކޮމިއުނިކޭޝަން އަށް ހުޅުވާލަން. [މިދިޔަ އަހަރުގެ] ޑިސެންބަރު 3، ވަނަ ދުވަހު ވެސް އިން އެގޮތަށް ރިކުއެސްޓް ކޮށްފައި. އެހެންނަމަވެސް އެމްއެމްއޭއަކުން އެކަމުގައި އެއްވެސް ރެސްޕޮންސެން ނުދޭ. ދެން އަނެއްކާ މިދިޔަ ބުރާސްފަތި ދުވަހު ވެސް އެބައިން އެގޮތަށް އެ މީހުން އެދިފައި. ހަމައެކަނި އެ ބޭންކުން ބޭނުން ވަނީ އެމްއެމްއޭ އިން ކަށަވަރު ކުރަން އެ ކުންފުންޏާ އެކު އެގްރިމަންޓެއް ހެދިފައިވޭތޯ ވެރިފައި ކުރަން،" ސަމާހު ވިދާޅުވި އެވެ.
ސަމާހު ވިދާޅުވީ ޔޫރަޕްގެ ބޭންކަށް އެމްއެމްއޭ އިން އެ ޕްރޮޖެޓް ހިނގަމުންދާ ކަން ކަށަވަރު ނުކޮށްދެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޗެއާކުރައްވާ އިގްތިސާދީ ކޮމެޓީން ގޮތެއް ނުނިންމަވައިގެން ކަމަށެވެ. ސަމާހު ވިދާޅުވީ އެ ޕްރޮޖެކްޓަކީ މިދިޔަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ސަރުކާރުން އެ ޕްރޮޖެކްޓަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށެވެ.
ސަމާހު ވިދާޅުވީ އެ ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭނެ ކަމަށާއި އެ ޕްރޮޖެކްޓަކީ ސެލްފް ފައިނޭންސް ޕްރޮޖެކްޓެއް ކަމަށެވެ. ސަބަބައެއް ކަމަށް ވިދާޅުވީ ކެމެރާތައް ބޭނުންކޮށްގެންނާއި ވައިފައި ސްޕޮޓްތަކެއް ގާއިންކޮށްގެން ވެސް ގިނަ ފައިސާތަކެއް ސިޓީ ކައުންސިލަށް ލިބޭނެ ކަމަށެވެ.
ސަމާހު ވިދާޅުވީ އެ ޕްރޮޖެޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ނުދީފި ނަމަ އެ މައްސަލަ ކޯޓަށް ވެސް ވައްދަން ތައްޔާރަށް ހުރި ކަމަށެވެ.
މާލޭގައި ސާވައިލެންސް ކެމެރާ ހަރުކޮށް ހިންގުމުގެ ކަންތައްތައް ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފުލުހުންގެ އިދާރާއިން ބޭނުން ނުވާ ކަމަށާއި އެ ކައުންސިލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ސަމާހު ވިދާޅުވި އެވެ.