މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމް ކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ 16 ވަނަ ބާސްކެޓްބޯޅަ މުބާރާތުގެ ގުރުލުން ރޭ އެމްބީއޭގައި ބާއްވައިފި އެވެ.

ފެބްރުވަރީ އެކަކުން ބާރައަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގަ އެވެ. އަދި މެޗުތައް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 9:00 އެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމުލަ ފަސް ޓީމަކުންނެވެ. އެއީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އާއި، އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް)އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެ މުބާރާތް ކުރިއަށް ގެންދާނީ، ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. މިގޮތުން މުބާރާތުގައި ޖުމުލަ ދިހަ މެޗު ކުޅޭއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ދިރާގު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭގަ އެވެ.