އެމްޑީޕީގެ މަޝްވަރާ މަޖިލީހުގެ ކުރީގެ ރައީސް ޝެއިޚު އާދަމް ނަސީމް (ބީއޭ ނަސީމް) އަދާލަތުޕާޓީއާ ގުޅިވަޑައިގެންފި އެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ ބީއޭ ނަސީމް އެ ޕާޓީއާ ގުޅިވަޑައިގަތީ ދީނާއި ގައުމަށް ޓަކައި އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

އޭނާ އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އެމްޑީޕީން އޭނާ ވަކިވެވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދީނީ ސިޔާސަތާ މެދު ހިތްމަނުޖެހިގެންނެވެ.

އެމްޑީޕީ އިން ވަކިވެވައިގަތުމަށް އެދި އެ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ އަށް އޭރު ނަސީމު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، "ތައުލީމަކީ މުޖުތަމައެއް ހެޔޮ ގޮތުގައި ތަރައްގީވެ، ކުރިއަރާ ދިއުމުގެ އެންމެ މުހިއްމު މަސްދަރުކަމަށްވާ ހިނދު އަދި އިސްލާމީ މުޖުތަމައެއްގައި އެތަނެއްގެ ތައުލީމު ބިނާވެފައި އޮންނަން ޖެހޭނީ އިސްލާމް ދީނުގެ ހަމަތަކާއި ފުށުނާރާ ގޮތަށް ކަމަށް ވާހިނދު އަދި މުޖުތަމައަށް ހުރިހާ ގޮތަކުން ފައިދާ ކުރަނިވި ގޮތަށް ކަމުގައިވާ ހިނދު އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ތައުލީމީ ނިޒާމު ރާވައި ތަންފީޒު ކުރަމުން ދަނީ، އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ހުށަހެޅުންތަކާއި އާއްމު ރައްޔިތުންގެ އިހްލާސްތެރި ޝުއޫރުތަކާ ހިލާފަށް ކަމަށް އަޅުގަނޑު ގާބޫލު ކުރާ" ކަމަށް ވިދާޅުވެ އެވެ.

އަދާލަތު ޕާޓީން ބުނީ ބީއޭ ނަސީމަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އެންމެ ފުރަތަމަ ތަޙައްރަޖުވި ދިވެހި ދަރިވަރުންގެ ތެރެއިން ހިމެނިވަޑައިގެންނެވި ދަރިވަރެއް ކަމަށެވެ.