29 Jan 2013, 12:29
އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ހިދުމަތްތައް އެއް ތަނަކުން ފެންނާނެ ގޮތް ހަމަޖެއްސެމަށް ޓަކައި ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)، އިން ކޮންމެ އަހަރަކު ބާއްވާ މަސީ ބިލްޑް އެކްސްޕޯ 2013 މިއަދު ދަރުބާރުގޭގައި ރައީސް ޑރ. މުހައްމަދު ވަހީދު ހުޅުއްވައި ދެއްވައިފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ކުރިއަށް ގެންދާ އެކްސްޕޯގައި ރާއްޖެ އިން ބޭރުގެ ފަސް ކޮންސްޓްރަކްޝަން ކުންފުނިީގެ އިތުރުން އިމާރާތްކުރުމުގެ ހިދުމަތްދޭ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން 40 ކުންފުނި ބައިވެރިވި އެވެ. އެ އެކްސްޕޯ ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެ ތިން ދުވަހު، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 18:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށެވެ.
ބިލްޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މަސީ އަކީ ރާއްޖޭގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއްކޮށްދޭ ޖަމިއްޔާއެއް ކަމަށާއި އެފަދަ އެކްސްޕޯއެއް ބޭއްވުމަކީ ވެސް އޭގެ އެއް ހެކި ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ދައިރާ އިން ކުރާ މަސައްކަތްތަކަކީ މާބޮޑަށް ފާހަގަކޮށް މީހުން ދައްކާ ވާހަކައަކަށް ނުވި ނަމަވެސް މިއަދު ރާއްޖެ އައިސްފައިވާ އުމުރާނީ ތަރައްގީ އައިސްފައި ވަނީ އެ އިންޑަސްޓްރީގައި މަަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި އެ އިންޑަސްޓްރީ ކުރިއެރުވުމަށް މަސީއާ ގުޅިގެން ހައުސިން މިނިސްޓްރީން މަސައްކަތްތަކެއް ކުރުމަށް ރައީސް އެދިވަޑައިގަތެވެ.
"ބިލްޑިން ކޯޑެއް ފައިނަލައިޒްވެ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނަކަށް ހެދި ކުރިއަށް ގެންގޮސް މިހާރު ހުރި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް މި އަހަރު ގެނައުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް. ގަވާއިދުތަކަށް ގެންނަން ޖެހޭ ގިނަ ބަދަލުތަކެއް އެބަހުރި. އަޅުގަނޑުމެން މިއަދު މިދައްކަނީ ބިލްޑިން ސޭފްޓީގެ ވާހަކަ ބިލްޑިން އެންވައިރަމެންޓް ސޭފްޓީގެ ވާހަކަ. އެ ވާހަކަ ދެއްކި ނަމަވެސް މިއަދު މާލެ އަށް ބަލާލިޔަސް މިހިރަ އުސް އިމާރާތްތަކަށް ބަލާ އިރު ހާދިސާއެއް ދިމާވެއްޖެއްޔާ ސަލާމަތީ ފިޔަވަޅުއެޅިފައެއް ނޫން ހުންނަނީކީ. މަދު ތަންތަނުގައި ނުހުންނަކަމެއް ނޭނގޭ، ހަމަ ގައިމު ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ފަޔާ އެސްކޭޕެއް ވެސް ނެތް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ މަސީ އިން އިސްނަގައިގެން ކޮންސްޓްރަކްޝަން ދާއިރާ އިން ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން މަސައްކަތް ކުރަމުން ދާތީ އެކަމާ އުފާކުރައްވާ ކަމަށާއި އެދި އެ ދާއިރާ އިން ހުނަރުތައް ދަސްކޮށްދޭ ތަނެއް ހެދުމަށް ޓަކައި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖެހުމަކަށް އައިސްފައިވާ އިރު އެކަމާގުޅޭ އެއްބަސްވުމުގައި މަސީ އާއި ސަރުކާރާ ދެމެދު ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު(ޖަނާ) ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގެ އިގްތިސާދު ދެވަނަ އަށް ހިއްސާކުރާ ދާއިރާއަށްވާ އިރު އެ ދާއިރާއަކީ ފާހަގަނުކޮށް އެކަހެރިކޮށްފައިވާ ދާއިރާއެއް ކަމަށެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއަކީ ބޮޑު އިންވެސްޓެއް ކުރަން ޖެހޭ ދާއިރާއަކަށްވާ އިރު އެ ދާއިރާ އަށް ފައިނޭންސް ހޯދުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ. އަދި މިފަހަރުގެ އެސްޕޯގެ ތީމު ކަމަށްވާ "ބިލްޑިން އަ ސޭފް ވޯކް އެންވައިރަމެންޓް" އަށް އަލިއަޅުވާލައި ޖަނާ ވިދާޅުވީ ރައްކާތެރި ގޮތަކަށް އެ ދާއިރާގެ މަސައްކަތްތައް ކުރުމަށް ޓަކައި ބިލްޑިން ކޯޑެއް އުފައްދަން ޖެހޭ ކަމަށެވެ.
މިފަހަރުގެ މަސީ ބިލްޑް އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަފާތު ބޮޑެތި ކޮންސްޓްރަކްޝަން ދާއިރާ އަށް ނިސްބަތްވާ ކުންފުނިތައް ބައިވެރިވާ އިރު އެ ދާއިރާގެ ތަފާތު އާ ޕްރޮޑަކްޓްތައް ލޯންޗު ކުރުމާއި އެފަދަ ބައެއް ހަރަކާތްތައް ހިންގުމަށް ވަނީ ނިންމައިފަ އެވެ. އަދި މިފަހަރު އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ނެގޭ ފަރާތްތަކަށް 150،000ރ.ގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.