29 Jan 2013, 12:19
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމަށް ބުނާ ކަންތައްތައް ބެލުމަށް އުފައްދާފައިވާ ވަގުތީ ކޮމެޓީގެ ބައްދަލުވުން ސިންގަޕޫރުގައި ބޭއްވުމަށް އެދުމުން އެކަންތައް ހަމަޖައްސަވައި ދެއްވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮމެޓީ އަށް އަންގަވައިފި އެވެ.
މަޖިލީހަށް ހުށަހެޅި ގަރާރަކުން އުފައްދާފައިވާ ވަގުތީ ކޮމެޓީގެ މުގައްރިރު ކަން ކުރައްވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ސަން ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުން ބާއްވޭއްވުމަށް ނިންމައި އެކަމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދުމުން އެކަން ވާން ނެތް ކަމަށް މަޖިލީހުގެ ރައީސް ކޮމެޓީ އަށް އެންގެވީ އިއްޔެ ކަމަށެވެ.
"އިއްޔެ އަންގާފައި ވަނީ ދަތުރު ކަންކަން ހަމަޖައްސައިދެވެން ނެތް ކަމަށް. ދެން ބަޖެޓް ތާށިކަމެއް އުޅެންޏާ ވެސް އެނގިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސަށް،" ރިޔާޒް ވިދާޅުވި އެވެ.
ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން ރައީސް ނަޝީދުގެ މައްސަލަތައް ބަލާ ބައްދަލުވުން ސިންގަޕޫރުގައި ބޭއްވުމަށް ނިންމީ ކޮމެޓީގެ މެންބަރުންގެ ސަލާމަތަށް ޓަކައި ކަމަށް ބުނެ އެވެ.
ރައީސް ނަޝީދު މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފެއްދީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ ތާއީދާ އެކު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރު އޮތް އިރު، 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު" ވިޔަފާރީ ހިންގާފައިވާ ކަމަށް ބުނެ، ގައުމީ ސަލާމަތު ކޮމެޓީގެ ހިމެނިވަޑައިގަންނަވާ 11 މެންބަރުން ސިންގަޕޫރާއި ބަރުމާ އާއި މެލޭޝިޔާ އަށް ދަތުރު ކުރުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެ ކޮމެޓީގެ ދަތުރަށް ބަޖެޓް ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް ކޮމެޓީއަކުން އަދި ނުބުނެ އެވެ.