އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ދޭއްގެ ފަހުމެޗުގައި ކުލަބު ވެލެންސިޔާ އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ބައްދަލުކުރި މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރު ވުމުން ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ވެލެންސިއާ އަދި ދެވަނަ ޓީމެއްގެ ގޮތުގައި ނިއުރޭޑިއެންޓް ވަނީ ކުއާޓާ ފައިނަލަށް ގޮސްފަ އެވެ.

ދެޓީމުގެ ކުޅުން ވެސް ދާދި ހަމަހަމަކޮށް ފެނުނު މި މެޗުގައި ނަތީޖާ ބަދަލުކޮށްލާނޭ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފުގައި ނިއުއަށް ލިބުނު ނަމަވެސް އޭގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އަދި ފަހު ހާފުގައި ވެސް އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ބާކީ ދެ މެޗު އޮތް އިރު، ގުރޫޕް އެކަކުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މާޒިޔާ އާއި ވީބީ އެވެ. އަދި ގުރޫޕް ދޭކުން ނިއު އާއި ވެލެންސިޔާ ދެވަނަ ބުރަށްގޮސްފައި ވާއިރު، ގުރޫޕް ތިނެއްގައި ބާކީ އޮތީ ދެ މެޗެވެ. އަދި ހަ ޕޮއިންޓު ހޯދައިގެން އެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުލަބު އީގަލްސް ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކުލަބް އީގަލް އާއި ކުލަބު ގްރީން ސްޓްރީޓް އެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި ހަވީރު 4:00 ގަ އެވެ.