ޖަރުމަނުގައި ބޭއްވި ޓައުހަން އެވޯޑްގައި ހޮވި އިންޑޯ-ޕެސިފިކް ރީޖަންގެ އެންމެ މޮޅު ޑައިވް ސެންޓަރުގެ އެވޯޑް، ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީން ހިންގާ ބަތަލާ އައިލެންޑް ރިސޯޓުގެ ޑައިވް ސެންޓަރަށް ލިބިއްޖެ އެވެ.

ޓައުހަން އެވޯޑަކީ ޑައިވިންއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ޖަރުމަނުގައި ބާއްވަމުން އަންނަ، އަދި ޓޫރިޒަމް ދާއިރާގައި ފާހަގަ ކޮށްލެވޭ އެވޯޑެކެވެ. ބަތަލާ ރިސޯޓުގެ ޑައިވް ސެންޓަރު ހިންގާ ވާނަ-ލައު ޓީމުން ބުނެފައިވަނީ އެޓީމުން ބަތަލާ ރިސޯޓުގައި މަސައްކަތްކުރި ފުރަތަމަ އަހަރުގައި އެފަދަ ފަހުރުވެރި ކާމިޔާބެއް ހޯދުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި ރިސޯޓުގައި އަހަރުމެން މަސައްކަތް ކުރި ފުރަތަމަ އަހަރުގައި މިތަނުގެ ޑައިވްސެންޓަރަށް "ޓައުހަން އެވޯޑު" ހޯދުމަށްޓަކައި ވޯޓު ދިން ހުރިހާ ލޯޔަލް ގެސްޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރުމެން ވަރަށް ފަހުރުވެރިކަމާއެކު އިއުލާނު ކުރަން އިންޑޯ ޕެސިފިކް ރީޖަންގެ ބެސްޓު ޑައިވިން ސެންޓަރަކަށް ހޮވުމަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ބަތަލާ އަށް ކަމަށް" ވާނަ-ލައު ވެބްސައިޓްގައި ވެއެވެ.

ވާނަ-ލައުއިން ރާއްޖޭގައި ހިންގާ ޑައިވިން ސެންޓަރު ތަކުގެ ތެރޭގައި، ބަތަލާ، ފިލިތެޔޮ، މެދުފުށި، ޒިތާލީ ކުޑަފުނަފަރު އަދި މައި ޝީނާ ލައިވް ބޯޑު ހިމެނެ އެވެ.

ވާނަ-ލައު ޑައިވިން ސެންޓަރުން މިސްރު، އިންޑޮނޭޝިޔާ އަދި ރާއްޖޭގައި ޑައިވިން ސެންޓަރުތައް ހިންގާ އިރު އެ ފަރާތުން ހިންގާ ޑައިވިން ކޯސްތަކަކީ، ސީއެމްއޭއެސް، އެސްއެސްއައި، އަދި ޕަޑީއާ ގުޅިގެން ހިންގާ ކޯސް ތަކެކެވެ.

ބަތަލާ ރިސޯޓަކީ ދުނިޔެގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ޑައިވްކުރުމަށް ވަރަށް ބޮޑަށް މަގުބޫލު މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރިސޯޓެކެވެ.