ފުލުހުން ޑްރަގް ކޯޓަށް ދެމުންގެންދިޔަ ސެކިއުރިޓީގެ ޚިދުމަތް އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ހުއްޓާލާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ޑްރަގް ކޯޓުން މިއަދު ބުނީ މީގެ ކުރިން ވެސް އެ ކޯޓަށް ސެކިއުރިޓީގެ ޚިދުމަތް ފުލުހުން ދީފައި ވަނީ އެ ކޯޓުން ތަކުރާރުކޮށް އެދިގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދެމުންގެންދިޔަ ސެކިއުރިޓީގެ ޚިދުމަތް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށް ވެސް ޑްރަގް ކޯޓުން މައުލޫމާތު ދެއެވެ.


ޑްރަގް ކޯޓު އުފެދުނު ފަހުން 15 އެޕްރީލް 2012 އާއި 19 ޖޫން 2012 އާއި 13 ނޮވެމްބަރ 2012 ގައި ތަކުރާރުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޑްރަގް ކޯޓަށް ސެކިއުރިޓީ ހަމަޖައްސަވައިދިނުމަށް އެދުމުން ނޮވެމްބަރު 2012 އިން ފެށިގެން ޑްރަގް ކޯޓަށް ސެކިއުރިޓީގެ ޚިދުމަތް ދިނުމަށްފަހު 20 ޖެނުއަރީ 2013 ދުވަހުން ފެށިގެން އެއްވެސް ސަބަބެއް އެންގުމެއް ނެތި ފުލުހުން ޑްރަގް ކޯޓަށް ސެކިއުރިޓީ ދިނުން ހުއްޓާލައިފިއެވެ.

އެއްވެސް ސަބަބައް އެންގުމަކާ ނުލައި ސެކިއުރިޓީ ފޯރުކޮށްދިނުން ފުލުހުން ހުއްޓާލާފައިވާއިރު ކޯޓުތަކުގެ ގާނޫނުގެ 95 ވަނަ މާއްދާގައިވާގޮތުން ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށް ވެސް ޑްރަގް ކޯޓުން ބުންޏެވެ.

ޑްރަގް ކޯޓުން ބުނީ ފުލުހުންގެ ސެކިއުރިޓީ ނުލިބުމަކީ ޑްރަގް ކޯޓުން ކަންބޮޑުވާ ކަމަކަށްވާތީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންގެ ސަމާލުކަމަށް އެކަން މިހާރު ގެނެސްފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ޑްރަގް ކޯޓަށް ދެމުންގެންދިޔަ ސެކިއުރިޓީގެ ޚިދުމަތް ހުއްޓާލާފައިނުވާކަމަށާއި ނަމަވެސް ސެކިއުރިޓީގެ ޚިދުމަތް ދެމުންގެންދިޔަ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އަދި ޑްރަގް ކޯޓުގައި ފުލުހުން ބައިތިއްބައިގެން ސެކިއުރިޓީގެ ޚިދުމަތް ކުރިން ދެމުންގެންދިޔަ ނަމަވެސް މިހާރު އެ ޚިދުމަތް ދެމުންގެންދަނީ މާލެތެރެ ޕެޓްރޯލްކުރާ ފުލުހުން މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެތެރެ ޕެޓްރޯލްކުރާ ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން އެ ކޯޓަށް މިހާރު ސެކިއުރިޓީގެ ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް އެ ކޯޓުގެ ތްރެޓް އެސެސްމެންޓް ހެދުމަށްފަހު އެތަނުގައި ފުލުހުން ބައިތިއްބައިގެން ސެކިއުރިޓީގެ ޚިދުމަތް ދޭންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް ފާހަގަ ކުރެވޭނަމަ ސެކިއުރިޓީ ދިނުމުގެ ކަންތައް އެގޮތަށް ބަދަލު ކުރާނެ ކަމަށެވެ.