29 Jan 2013, 10:52
ވެށިފަހިމާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބީ ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓް އާންމުކުރި އިރު އެކަކަށް ދެ ފްލެޓް ލިބިފައިވާ ކަމަށް ލިސްޓްގައި ލިޔެވިފައި އޮތީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ އެއްވެސް މީހަކަށް ދެ ޕްލެޓް ނުލިބޭނެ ކަމަށާއި ޕްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓް އާންމު ކުރި އިރު އެ ލިސްޓްގައި އެކަކަށް ދެ ފްލެޓް ލިބޭގޮތަށް ލިޔެވިފައި އޮތް އޮތުމަކީ މިނިސްޓްރީގެ އިދާރީ މުވައްޒަފުންނަށް އޮޅުމަކުން ކުރެވުނު ކަމެއް ކަމަށެވެ.
"އަސްލު އެއީ އަރާފައިން އެރާއެއް. އަޅުގަނޑުމެން ވަގުތީ ލިސްޓް ނެރެފަ އެ ލިސްޓް އަޕްޑޭޓް ކުރީ ޝަކުވާތަކާ ގުޅިގެން. އަޕްޓޭޑްކުރި އިރު އަޅުގަނޑުމެންގެ މުވައްޒަފުންނަށް މިއޮތީ އެއް ބޭފުޅެއްގެ ނަން ދެވަނަ ފަހަރަށް އެންޓާ ކުރެވިފައި. އެއްބޭފުޅަކަށް ދެ ފްލެޓް ނުލިބޭ،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓް ހަވާލު ކުރެވޭނީ ޓާފް އެގްރީމެންޓް އެކުލަވާލުމަށް ފަހު ބަންޑާރަ ނާއިބްގެ ލާފާފުޅެއް ހޯދުމަށް ފަހުގައި ކަމަށާއި އެ އެގްރީމެންޓް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބީ ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން މިއަހަރު ދޫކުރެވޭވަރު ވާނީ ހަމައެކަނި ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަށް ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
ފްލެޓްތައް ލިބޭނެ ފަރާތަތްތައް ކަނޑައެޅި ކަމަށް ވިޔަސް ފްލެޓްތަކުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށާއި ފްލެޓްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އިތުރުން މަގު ހެދުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ނިމި އެންމެ ލަސްވެގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.