އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ހައިކޮމިޝަނަރު ޑީއެމް މުލޭ ހުންނެވީ ރިޝްވަތު ހިއްޕަވައިގެން ކަމަށާއި ޖީއެމްއާރާ އެކު މުލޭ ވެސް ރާއްޖެ އިން ބޭރުކުރާނެ ކަމަށް ބުނެ ސަރުކާރުގެ ކުރީގެ ސްޕޯކްޕާސަން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަތަކާ ގުޅިގެން މުލޭ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިޔާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކުރައްވައި، "ސަރުކާރު މަސްއޫލިޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން" އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު ވިދާޅުވީ މުލޭއާ ބެހޭ ގޮތުން ސަރުކާރުގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ހައިކޮމިޝަނަރު މުލޭއާ އެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވެސް ސަރުކާރުގެ އިސް ބޭފުޅުން އެބޭފުޅުނަށް އަމާޒުކޮށް ހަމަލާތައް "ދެމުންދާ ކަން ވަރަށް ސާފުކޮށް" މުލޭ ފާހަގަ ކުރެއްވި ކަމަށެވެ.

"ވިހި ޑިސެމްބަރުގައި މުލޭއާ އެކު އަޅުގަނޑުމެން ބައްދަލުވުމެއް ބޭއްވިން ވިސާގެ ކަންތައްތަކާ ގުޅޭ ގޮތުން. އެބޭފުޅާ ވަރަށް ސާފުކޮށް ވިދާޅުވީ ބައެއް ބޭފުޅުން ބައެއް ޕޯޑިއަމްތަކުގައި [އެބޭފުޅާ އަށް] އަމާޒުކުރައްވާ ހަމަލާތަކުގެ ވާހަކަ،"

ހަސަން ސައީދު ވިދާޅުވީ އެހެން ގައުމުތަކުން ވަޑައިގެން ތިއްބަވާ މަންދޫބުން ތަމްސީލު ކުރައްވަމުންދަނީ އެ ގައުމެއް ރައީސް އާއި ރައްޔިތުން އަދި އެ ގައުމުގެ ސިޔާސަތު ކަމަށާއި އެހެން ކަމުން އެފަދަ ބޭފުޅުންނާ މެދު އެގޮތަށް ވާހަކަތައް ދެއްކޭތީ އެކަމާ މެދު ފޮރިން މިނިސްޓްރީން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.

"އަޅުގަނޑުމެން ދަންނަވަން ބޭނުން ވަނީ ފޮރިން މިނިސްޓްރީން އެކަމާ މެދު ހިތާމަކުރަމޭ މިކަހަލަ ކަންތައްތަކާ. ކޮންމެ ގައުމެއް ކަމުގައި ވިއަސް އެ ގައުމަކުން ވަޑައިގެން ތިއްބަވާ މަންދޫބުނަކީ އެ ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާ އާއި އެ ގައުމެއްގެ ރައްޔިތުން ތަމްސީލް ކުރައްވާ ބޭފުޅުން. އެހެން ކަމުން އެ ބޭފުޅުންނަކީ ހާއްސަ ގަދަރަކާއި ހާއްސަ އިމްތިޔާޒްތަކެއް ލިބިފައިވާ ބައެއް،" އޭނާ ވިދާޅުވި އެވެ.

ބޭރު ގައުމުތަކުން ކަނޑައަޅާފައި ތިބޭ ސަފީރުންނަށް އަމާޒުކޮށް އެއްވެސް ފަރާތަކުން އެއްޗެހި ކިއުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެގޮތުން އައްބާސް ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑު ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަކީ [އައްބާސް ދެއްކެވި ވާހަކަތަކައް ދެއްކުމަކީ] ރަނގަޅު ކަމެއް ކަމަށް ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުގެ ރޯލަކީ ހުރިހާ ގައުމެއްގެ މެދުގައި ވެސް ގުޅުން ބަދަހިކުރުން ކަމަށްވާތީ،" ސަމަދު ވިދާޅުވި އެވެ.

ސަރުކާރާ އެކު އިއްތިހާދުވެފައިވާ ޕާޓީތަކުން ޖީއެމްއާރު އަތުން އެއާޕޯޓު މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ނޮވެމްބަރު ނުވަވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ، ހައިކޮމިޝަނަރު މުލޭ އަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވަނީ މުލޭ އަށް އުޅެނީ އަސްލު މަގާމު އޮޅިގެން ކަމަށާއި ރާއްޖެއަށް ބިރު ދައްކައި ޖަރީމާ ހިންގަން ދެން ފުރުސަތެއް ނުދޭނެ ކަމަށެވެ.

"މިއަދު ފަޔަށް ހިނިއަރައިގެން އުޅޭ މީހެއްހެން ލޮލަށް މިރުސް އެޅިގެން އުޅޭ މީހެއް ހެން ދިވެހިންނަށް ބިރު ދައްކަމުން މިތާގައި ހުރި އިންޑިއާ އެމްބެސެޑަރު އެ އުޅެނީ އޭނާގެ އަސްލު މަގާމު އޮޅިގެން. އަޅުގަނޑުމެންނެއް ނެތިން އޭނާ މިގައުމުގައި ހިންގާ ޖަރީމާތައް ހިންގަން ފުރުސަތު ދޭކަށް،" މިހާރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އައްބާސް ވިދާޅުވި އެވެ.

ހައިކޮމިޝަނަރު މުލޭ ރާއްޖެއިން ފޮނުވާލާނެ ކަމަށް ބުނެ އިއްތިހާދުގެ ބައިވެރިން ވާހަކަ ދެއްކި އިރު ވެސް ހައިކޮމިޝަނަރު މުލޭގެ ޓާމުގެ މުއްދަތު ވަނީ ހަމަވެފައެވެ. މުލޭ ރާއްޖެއަށް ވަޑައިގަތީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. އެހެންކަމުން މުލޭގެ ތިން އަހަރުގެ ޓާމް ވަނީ 2012 ވަނަ އަހަރުގެ އެޕްރީލް މަހަށް ހަމަވެފައެވެ. އެހެންކަމާ އެކު ވެސް އިންޑިޔާ ސަރުކާރުން މުލޭ ބަދަލު ނުކުރާތީ އަދިވެސް އޭނާ ހުންނެވީ ހައިކޮމިޝަނަރުގެ މަގާމުގައި ރާއްޖޭގައެވެ.

ސަންއަށް މައުލޫމާތު ލިބޭ ގޮތުން މުލޭ ރާއްޖެއިން ފުރާ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ މެދެއްހާ ތާނގައެވެ. ހައިކޮމިޝަނަރު މުލޭއަކީ މިހާތަނަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައެޅި ހައިކޮމިޝަނަރުގެ މަގާމު އެންމެ ގިނަ ދުވަހު ފުރުއްވި ބޭފުޅާ ވެސް މެއެވެ.