29 Jan 2013, 10:18
އެފްއޭއެމް ހިންގުމުގެ އެންމެހާ ކަންކަން، ބަދަލުކުރުމުގެ މަސައްކަތް ވަކިގޮތަކަށް ހަމަޖެހި ނިމެންދެން އެ އިދާރާ ހިންގާނޭ ހަ މެންބަރުންގެ ވަގުތީ ކޮމެޓީއެއް އިއްޔެ އުފައްދައިފި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ އާ ރައީސަކަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދުގެ ބެލެނިވެރި ކަމުގައި އިއްޔެ އުފެއްދި ހަ މެންބަރުންގެ ކޮމެޓީގެ ޗެއާމަނަކީ ކުރީގެ ފީފާ ރެފްރީ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އަދި ކޮމެޓޫގެ އިތުރު މެންބަރުންނަކީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އާއި ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އިހުސާން އަބުދުލްޣަނީ (ސާންތީ) އާއި ވެލެންސިއާގެ މެނޭޖަރު މުހައްމަދު ހާނިމް އާއި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ.
އާ ރައީސް އިލްހާމްގެ ބެލެނިވެރި ކަމުގެ ދަށުން އެފްއޭއެމް އިދާރާގައި އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އުފެއްދި ހަ މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ހާނިމް އަކީ ވަގުތީ ގޮތުން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކެރެޓަރީ އެވެ. އަދި އިހުސާން އަބުދުލްގަނީ (ސާންތީ) އަކީ ވަގުތީ ގޮތުން ޓެކްނިކަލް ކަންކަމުގައި އެންމެ އިސްކޮށް މިވަގުތު ހުރި ބޭފުޅާއެވެ. އެ ދެބޭފުޅުން ވެސް އެމަގާމްތަކަށް ހަމަޖެއްސީ ކޮމެޓީގެ މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.
ހަމަނުޖެހުން ބޮޑުވެގެން ދެ ފަހަރު ކެންސަލްކުރި ވާދަވެރި އިންތިހާބު ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އިލްހާމް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކާމިޔާބު ކުރެއްވީ 9-4 ވޯޓުން އެ އިރުގެ ރައީސް އަލީ އާޒިމް ބަލިކުރައްވައިގެންނެވެ. އަދި އިލްހާމާއެކު އެއިދާރާގެ ނައިބު ރައީސްއަކަށް އިންތިހާބު ކުރީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު (ޖޭފޯ) އެވެ.