29 Jan 2013, 09:59
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރް އަތުން އަތުލުމަށް ފަހު އެމްއޭސީއެލް އާއި ހަވާލުކޮށްފައިވީ ނަމަވެސް އެއާޕޯޓް ހިންގުމުގެ ރަނގަޅު ތަސައްވަރެއް ނުދެއްކޭތީ ކަންބޮޑުވާ ކަމަށް ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުގައި އިސްކޮށް ހަރަކާތްތެރިވި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާމް ރޭ ވިދާޅުވެފައި ވަނީ އެއާޕޯޓް ހިންގުމުގެ ރަނގަޅު ތަސައްވަރެއް ނުފެނި ކުރީގެ ހާލަތަށް އެއާޕޯޓް ހިންގުމުގެ ކަންތައްތައް ދާކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއާޕޯޓް ހިންގުމުގެ ރަނގަޅު ތަސައްވަރެއް އެކުލެވިފައިނުވާ ކަމަށެވެ.
"އެއާޕޯޓް ޖީއެމްއާރު އަތުން އަތުލާފައި ވަނީ ދިވެހިންގެ ވަރަށްބޮޑު އުންމީދުތަކަކާ އެކުގައި ނަމަވެސް ޖީއެމްއާރު އަތުލުން އެއާޕޯޓް މިނިވަންކުރެވުނުތާ ދެ މަސް ދުވަސްވީ އިރު ވެސް އެއާޕޯޓާ މެދު ރަނގަޅު ތަސައްވަރެއް އެކުލަވާލެވި އެއާޕޯޓް ހިންގާނޭ ޕްލެއިނެއް ވެސް އެކަށައެޅިފައި ނުވޭ،" އިމްރާން ދިޓީވީ އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް ހިންގުމުގެ ކަންކަން ދޯދިޔާވެ ކުރީގެ ހާލަތަށް އެއާޕޯޓްގެ ކަންތައްތައް ދިއުމުގެ ބިރު މިހާރު ހީވެފައިވާ ކަމަށެވެ. އަދި އެކަންކަމުގައި ސަރުކާރުން އިހުމާލްނުވެ ރަނގަޅަށް ހިންގުމަށް އިމްރާން ގޮވާލެއްވި އެވެ.
ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް ގިނަ މަސައްކަތްތަކެއް ކުރި ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އިމްރާން މިހާރު އެއާޕޯޓް ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާ އިރު ދެން އެއާޕޯޓްގެ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރާނެތޯ ނުވަތަ މަސައްކަތްކުރައް ވާނީ ކޮންގޮތަކަށްތޯ ބެލުމަށް ސަން އިން އިމްރާން އަށް ގުޅުމުން އިމްރާން ފޯނަށް ޖަވާބު ނުދެއްވާތީ އިމްރާންގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
އެމައްސަލައާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ލިބިފައިނުވާ އިރު ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލުމަށް ފަހު އެމްއޭސީއެލްއާ ހަވާލުކުރި ރޭ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު ނާޒިމް ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައިވާ އިރު އެމްސީއެލް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވޭތުވެ ދިޔަ ތަނުގެ ވާހަކަ ދެއްކުމަކީ މުހިންމުކަމެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ މުސްތަގުބަލަށް، މުސްތަގުބަލް ރަނގަލުކުރެވިގެންދާނެ. އެއާޕޯޓަށް ބަދަލުތަކެއް އަންނާނެ، އަޅުގަނޑުމެނަށް އެމްއޭސީއެލް ހަރުދަނާކުރެއްވޭނެ. އެހެންވީމާ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ފަހަތަށް ބެލުމެއްނެތް އަޅުގަނޑުމެންބަލާނީ ކުރިއަށް،" އެމްއޭސީއެލް އާއި އެއާޕޯޓް ހަވާލުކުރި ރޭ ނާޒިމް ވިދާޅުވި އެވެ.
އައިއެންއޭ ހިންގަމުންދާ ގޮތަށް އިމްރާން ފާޑުކިޔުއްވާފައިވާ އިރު ކުރީގެ ރައީސް ނަޝިދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ހިނގުމަށް 25 އަހަރު ދުވަހަށް ދީފައިވަނިކޮށް އެ އެގްރިމެންޓް ބާތިލްކޮށް އެމްއޭސީއެލްއާ ހަވާލުކުރުމަށް އިމްރާން ވަނީ ގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގަވައިފަ އެވެ.