ދެހާސް އަށް ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި މުހައްމަދު ހާނިމް އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީއަކަށް ވަގުތީ ގޮތުން ހަމަޖައްސައިފި އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ އާ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު އިންތިހާބު ކުރުމާއި ގުޅިގެން، އެ އިދާރާ ވަގުތީ ގޮތުން ރާވާ ހިންގުމުގެ އެންމެހާ ކަންކަން ހާނިމްއާ ހަވާލް ކުރީ ، އިއްޔެ އެއިދާރާގައި އޮތް ބައްދަލުވުމެއްގައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުލަބް ވެލެންސިޔާގެ މެނޭޖަރު ކާމާ ވެސް ދާދި ފަހުން ހަވާލުވި ހާނިމްއާއެކު، އެފްއޭއެމްގެ ޓެކްނިކަލް ކަންތައްތައް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސީ 14 އަދި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް އިހްސާން އަބްދުލް ޣަނީ(ސާންތީ) އެވެ.