ތެހެރާން (ޖަނަވަރީ 29): އީރާނުން ކާމިޔާބުކަމާ އެކު ފަޒާއަށް ރާމާ މަކުނެއް ފޮނުވައިފި އެވެ. ފަޒާގެ ދިރާސާތަކާ ބެހޭ އީރާނުގެ މަރުކަޒުން ބުނި ގޮތުގައި މިއީ 2018 ވަނަ އަހަރު ފަޒާއަށް އިންސާނަކު ފޮނުވުމަށް އީރާން ކުރަމުންގެންދާ ޢިލްމީ ތަޖްރިބާތަކުގެ ތެރެއިން ކުރި ތަޖްރިބާއެކެވެ.

ރާމާމަކުނާ އެކު އީރާނުން ފަޒާ އަށް ފޮނުވި އުޅަނދު "ކަވެޝްގާރު –1" ފޮނުވާލާފައި ވަނީ ސެޓަލައިޓް ފޮނުވުމަށް އެގައުމުން ބޭނުންކުރާ ފަޒާގެ ރޮކެޓް ކަމަށްވާ "ސަފީރު ވަން ބީ"ގެ އެހީގަ އެވެ. އީރާނުން ވަނީ އެކިބާވަތުގެ ފަނިފަކުސައިގެ އިތުރުން މީދަލާއި ވެލައާއި ކަހަނބު ވެސް ފަޒާ އަށް ފޮނުވައިގެން ކާމިޔާބު ތަޖްރިބާތަކެއްކޮށްފަ އެވެ. ފަޒާއަށް ރާމާ މަކުނެއް ފޮނުވުމަށް އީރާނުން އިއްޔެ ކުރި ތަޖްރިބާ ކާމިޔާބު ނަމަވެސް 2011 ވަނަ އަހަރު އީރާނުން ކުރި މީގެ ފުރަތަމަ ތަޖްރިބާ ވަނީ ނާކާމިޔާބުވެފަ އެވެ.

އީރާނަކީ ފަޒާ އަށް ސެޓަލައިޓް ފޮނުވުމުގައި ކާމިޔާބު ހޯދާފައިވާ ހަމައެކަނި އިސްލާމީ ގައުމެވެ. އީރާނުން މިހާތަނަށްވަނީ ހަތަރު ސެޓަލައިޓެއް ފަޒާއަށް ފޮނުވާފަ އެވެ. މީގެތެރެއިން ތިން ސެޓަލައިޓަކީ ޢިލްމީ ދިރާސާތަކާ ބެހޭ ސެޓަލައިޓްތަކެވެ. އަނެއް ސެޓަލައިޓަކީ ޑަމީ ސެޓަލައިޓެކެވެ. ޑަމީ ސެޓަލައިޓް އީރާނުން ޖައްވަށް ފޮނުވާފައި ވަނީ 2009 ވަނަ އަހަރުގަ އެވެ. އީރާނުން ގެންދަނީ އަންނަ ފެބްރުއަރީ މަހާއި މާޗް މަހު ތެރޭގައި ދެސެޓަލައިޓެއް ފަޒާ އަށް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. މިއީ "ޝަރީފް" ނަމަކަށް ސެޓަލައިޓަކާއި "ނާހީދު" ނަމަކަށް ކިޔާ ސެޓަލައިޓެކެވެ.

އީރާނުން ފަޒާގެ ޓެކްނޮލޮޖީއާއި ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްޤީ ކުރަމުން މިގެންދަނީ އެގައުމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އިޤްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި ޢިލްމީ ގޮތުން އާދަޔާ ޚިލާފް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. އީރާނާ ދެކޮޅަށް ހުޅަނގުން މިފިޔަވަޅުތައް އަޅާފައިވާތާ 34 އަހަރު ވުމުގެ އިތުރުން އެމެރިކާއާއި އިސްރާއީލުން ގެންދަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އެތެރޭގައި ހަމަނުޖެހުންތައް އުފެއްދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. (ޕްރެސްޓީވީ)