29 Jan 2013, 09:11
ކޮލަންބޯ (ޖަނަވަރީ 29): ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އެގައުމުގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ. މިގެންނެވި ބަދަލުތަކުގެ ތެރޭގައި 10 ވުޒާރާއެއްގެ ވަޒީރުކަމަށް ޢައްޔަންކުރައްވާފައި ވަނީ އައު ބޭފުޅުންނެވެ.
އައު ވަޒީރުންގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ޑުމިންދާ ޑިސެނަޔަކަ، އެންވަޔަރަންމަންޓް އެންޑް ރިނީވަބްލް އެނާޖީ މިނިސްޓަރު ކަމަށް ސުސިލް ޕްރިމަޖަޔަންތާ، އިންވެސްޓްމަންޓް ޕްރޮމޯޝަން މިނިސްޓަރު ކަމަށް ލަކްޝްމަން ޔަޕާ، ޝުގާ އިންޑަސްޓްރީ މިނިސްޓަރު ކަމަށް ލަކްޝްމަން ސެނަވިރަޓްނާ، ބޮޓަނިކް ގާޑެން އެންޑް ޕަބްލިކް ރިކްރިއޭޝަން މިނިސްޓަރު ކަމަށް ޖަޔަރަޓްނަ ހެރާޓް، ވައިލްޑް ލައިފް ކޮންޒަވޭޝަން މިނިސްޓަރު ކަމަށް ވިޖިތް ވިޖެޔަމުނީ ސޮއިސާ، ޕްރޮޑަކްޓިވިޓީ ޕްރޮމޯޝަންގެ މިނިސްޓަރު ކަމަށް ބަޝީރު ދާއޫދު ހިމެނިވަޑައިގަންނަވަ އެވެ.
މިބޭފުޅުންގެ އިތުރުން ދެން ކެބިނެޓްގައި ހިމެނިވަޑައިގަންނަ ވަނީ ކުރީގެ ކެބިނެޓްގައި ވެސް ތިއްބެވި ވަޒީރުންނެވެ. އެބޭފުޅުންގެ ތެރެއިން ވެސް ބައެއް ބޭފުޅުން ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފަ އެވެ. މީގެއިތުރުން ހަ ވުޒާރާއެއްގެ މިނިސްޓަރުގެ ނައިބު ކަމަށް ވެސް އައު ހަ ބޭފުޅަކު ޢައްޔަންކުރެއްވި އެވެ. ސްރީލަންކާގެ ކެބިނެޓަށް ގެނައި މިބަދަލާ ގުޅިގެން ކެބިނެޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުން އިއްޔެ ވަނީ ރައީސް މަހިންދަ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި ހުވާކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފަ އެވެ.
ސްރީލަންކާގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކެބިނެޓަށް ގެނައި މިބަދަލަކީ އެގައުމުގެ ތަރައްޤީ އަށާއި ގައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުއި ކުރުމަށްޓަކައި މިހާރު ގެންނަންޖެހޭ ބަދަލުތަކެއް ކަމުގަ އެވެ. (ސްރީލަންކާގެ މީޑިޔާ)