29 Jan 2013, 09:08
ރާއްޖެ އުފެދިފައިވާގޮތުން ރާއްޖެއަކީ ޖަޒީރާ ކުދިކުދި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމެކެވެ. ގައުމުގެ ބޮޑުބަޔަކީ ކަނޑު ކަމަށްވާތީ ގިނައިން ދަތުރުފަތުރު ކުރަންޖެހެނީ ކަނޑުމަގުންނެވެ. އަދި ގިނަ ރަށްރަށަކީ ގިނަ ހިދުމަތްތަކެއް ނުލިބޭ ރަށްރަށަށް ވުމުން ގިނަ ދަތުރުތަކެއް ކުރަން ޖެހޭ ކަން ފާހަގަކޮށްލެވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެހެނިހެން ސަބަބުތަކާ ހެދި ކަނޑު ދަތުރުތަށް ކުރުމަކީ ވެސް ބައެއް ފަހަރު އެހާ ފަސޭހަކަމަކަށްނުވެ އެވެ. ކަނޑު ދަތުރުކުރަން އުނދަގޫވާ ނުވަތަ އަވަސް ދަތުރުތައް ކުރުމަށް އެންމެ ރަނގަޅު ދާއިރާއަކީ ވައިގެ ދަތުރުތަކެވެ. ރައްޔިތުނަށް އަވަސް ދަތުރުތަކެއް ފަސޭހަކަމާ އެކު ކުރެވޭނެ ގޮތް ހެދުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖޭގެ ތަފާތު ހިސާބުތަކުގައި އެއާޕޯޓްތަށް އެޅުމުގެ މަސައްކަތްތަށް ކުރަމުންނެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖޭގައި އެހާ ގިނަ އެއާޕޯޓްތަކެއް އެޅުމަކީ އެންމެ ރަނގަޅު ގޮތްބާ އެވެ؟
މީގެ ތަންކޮޅެއް ކުރިއަށް ބަލާ އިރު ރާއްޖޭގައި އާންމުކޮށް ހިދުމަތްދެމުން ދިޔައީ މަދު އެއާޕޯޓްތަކަކުންނެވެ. އެއީ ހުޅުލޭގައި ހުންނަ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުންނާއި އުތުރުގައި ހުންނަ ހަނިމާދޫ އެއާޕޯޓާއި ދެކުނުގެ ތިން ހިސާބެއްގައި ހުންނަ ތިން އެއާޕޯޓަކުންނެވެ. އޭރު ދިވެހިން ރާއްޖޭގެ އެންމެ ދެކުނަށާއި މާލެއާއި ދުރު ސަރަހައްދުތަކަށް ދިއުމަށާއި މާލެއާ އެންމެ އުތުރަށް ދިއުމަށް ފުލައިޓް ބޭނުންކުރި ނަމަވެސް އެހެން ހިސާބުތަކަށް ދިޔުމަށް ދަތުރުތަށް ކުރަމުންދިޔައީ ކަނޑުމަގުންނެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ ރައްޔިތުން ވައިގެ މަގުން ދަތުރުކުރުން އިތުރުވެފައިވާ އިރު ރައްޔިތުންގެ ޕްރެޝަރާއި ބައެއް ސަރުކާރުތަކުން ވީ ވައުދުތަކުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތައް އެޅުމުގެ ވާހަކަތައް މިހާރު ވަނީ ފެތުރިފަ އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް ވިދާޅުވި ގޮތުގައި ސަރުކާރުން އެއާޕޯޓްތައް އަޅަނީ ޓޫރިޒަމަށް ބަލައިގެންނެވެ. އެގޮތުން ހަމައެކަނި ދިވެހިން އުފުލައިގެން އެއާޕޯޓެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވަގުތު ރަނގަޅަށް ޓޫރިޒަމް ނެތް ހިސާބުތަކުގައި އެއާޕޯޓްއަޅަން ނިންމާފައި ވަނީ ކުރިއަށް އޮތްތަނުގައި އެ ހިސާބުތަކުގައި ޓޫރިޒަމް ރަނގަޅުވާނެތީ ކަމަށް ސާމީ ވިދާޅުވި އެވެ.
"ޓޫރިޒަމް މާކެޓް ޕްލޭނަށް ބަލާފަ އައިޑެންޓިފައިކޮށްފައި ހުންނަ ލޮކޭޝަންތަކުގައި އެއާޕޯޓް އަޅާނީ، އަޅުގަނޑުމެންގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމެއްނޫން،" ސާމީ އަގީލް ވިދާޅުވި އެވެ.
އެއާޕޯޓް އެޅުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ އެއިގެން ގެއްލުމެއް ނުވާނެގޮތަކަށް ހިންގަން ޖެހޭ ބޮޑެތި މަޝްރޫއުތަކެވެ. ނަމަވެސް މިއަދު ރާއްޖޭގައި ފާހަގަކޮށްލެވޭ ކަމަކީ ބައެއް ސިޔާސީ ފަރާތްތަކުން އެމީހުނަށް ތާއީދު ހޯދުމަށް ރަށްރަރަށް އަރާ ވައުދުތައް ވަމުން އެއާޕޯޓް ފަދަ ބޮޑެތި މަޝްރޫއުތައް ހިންގައި ދޭނެކަމަށް ބުނާތަނެވެ. އެފަދަ ގޮތަކަށް ކަންތައްވުމުން ނަތީޖާއަކަށް ވެގެންދަނީ އެއާޕޯޓް އެޅުމަށް ރައްޔިތުން ކެކިގަނެގެން ދިޔުމެވެ. ވޭތުވެދިޔަ 2012 ވަނަ އަހަރުތެރޭގައި ރާއްޖޭގައި ދެ އެއާޕޯޓް ވަނީ ހުޅުވައިފަ އެވެ. އެއީ ޓޫރިޒަމްގެ މައި ސަރަހެއްދެއްކަމަށްވާ ގއ. ކޫއްޑޫގައި ހުޅުވި އެއާޕޯޓަކާއި ޓޫރިޒަމް ރަނގަޅު ސަރަހައްދެއްކަމުގައިވާ ބ. ދަރަވަންދޫގައި ހުޅުވި އެއާޕޯޓެކެވެ. އެ ދެ އެއާޕޯޓްގެ ސަބަބުން އެއާލައިންތަކަށް ވަނީ އިތުރު ދަތުރުތަކެއް ލިބެންފަށައިފަ އެވެ. ސަބަބަކީ އެހިސާބުތަކަކީ ޓޫރިސްޓުންގެ ޑިމާންޑް ބޮޑު ސަރަހައްދުތަކަކަށް ވުމުންނެވެ. ނަމަވެސް އަދި ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި އެފަދަ މަޝްރޫއުތައް ހިންގުމަށް ޕްލޭންތަކެއް ކުރަމުންދާކަމީ ވިސްނާލަންޖެހޭ ކަމެކެވެ.
ތެދެކެވެ. ކޮންމެ ރަށެއްގައި ވެސް އެއާޕޯޓެއް އެޅުމަކީ ވެސް އެރަށެއްގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ އަދި ބޭނުންވާ ކަމެކެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެއާޕޯޓެއް އެޅުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރި ކަމެވެ. ރާއްޖޭގައި މަދު އެއާލައިންތަކެއް ހުރިއިރު އެއެއާލައިންތަކަށް ގެއްލުން ނުވާނެ ފަދައިން އަމަލުނުކުރުމަށްޓަކަ އެވެ. މިސާލަކަށް ބަލަމާތޯ އެވެ. އެސަރަހައްދަކަށް ދަތުރުތައް ކުރެވޭނީ މަދުވެގެން 300 ޓޫރިސްޓް އެނދު ހުރި ހިސާބަކަށް ކަމަށް ގައުމީ އެއާލައިނުން ބުނެފައިވާ އިރު މިހާރު އެއާޕޯޓް އެޅުމަށް ޕްލޭންކޮށްފައިވާ ބައެއް ސަރަހައްދުތަކަކީ އެކަންތައްތައް ހާސިލްވެފައިވާ ހިސާބު ތަކެއް ނޫނެވެ. އެގޮތުން ތ. އަތޮޅަށް ބަލަމާހިނގާށެވެ. އެ އަތޮޅު ތިމަރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެހިސާބަކީ ޓޫރިޒަމް ރަނގަޅަށް އޮތް ހިސާބެއް ވެސް ނޫނެވެ. ހަމަ އެގޮތަށް ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ އިރު އެހިސާބުގައި އަދި ހުރީ ގާތްގަނޑަކަށް 200 ވަރަކަށް ޓޫރިސްޓް ރޫމް އެވެ. އަދި ނ. މާފަރުގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް މިއަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރާއިރު އެ ސަރަހައްދުގައި ވެސް އެންމެ އެކަށިގެންވާ ގޮތެއްގައި އެކަން ކުރެވޭކަން ނެތެވެ. ދެން ބުނަނީ ކުރިއަށް އޮތްތަނުގައި އެ ހިސާބުތަކުގައި ޓޫރިޒަމް ރަނގަޅުވާނެ ވާހަކައެކެވެ. ސުވާލަކީ އެ ބުނާ ސަރަހައްދުތަކުގައި ޓޫރިޒަމް ރަނގަޅުވަންދެން އެއާލައިންތަކުން ދަތުރުތައް ކުރަންވީ ހުސްއަތާތޯ އެވެ؟ ހަމަ ގައިމުވެސް އެއީ އެކަން ކުރެވޭނެ އަދި ކޮށްގެން ވާނެގޮތެއް ވެސް ނޫނެވެ.
ގައުމީ އެއާލައިން ކަމުގައިވާ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އިބްރާހިމް ސަލީމް (ބަންދު) ވިދާޅުވި ގޮތުގައި ރާއްޖޭގައި އަލަށް ގިނަ ރީޖަނަލް އެއާޕޯޓްތަކެއް ހުޅުވި އެ މަންޒިލްތަކަށް ދަތުރުކުރަންބަލާ އިރު އެ ސަރަހައްދުތަކުގައި ޓޫރިސްޓް 300 ރޫމް ނެތިއްޔާ ފައިދާއެއް ނުވާނެ އެވެ. އަދި ޓޫރިސްޓުން ބޮޑުއަގުގައި މިއަދު ދަތުރުކުރާތީ ދިވެހިންނަށް ޓިކެޓް ލިބުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށާއި އުދުހުމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ހަމަޖެހިގެން ކުރިއަށް ގެންދަން ޖެހެ އެވެ. އެހެންނޫނީ މުސްތަގުބަލުގައި ގެއްލުމާ ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ އެއާލައިންތަކަކީ ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ހިންގަމުންދާ އެއާލައިންތަކެއް ކަމުން ސަރުކާރާއި ހުރިހާ އެންމެން ވެސް އެ އެއާލައިންތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ހިންގަން ޖެހޭ ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.
"ހައްދުންމަތީގައި އޮތީ 100 ރޫމްގެ ރިސޯޓެއް، ދެން އެތަންތަން ރަނގަޅުނުކޮށް ނެތޭ އިނގޭތޯވާކަށް. ދެން ހަދަން މިޖެހޭގޮތަކީ ދާން މިޖެހެނީ މާލެ އިން ކައްދޫން ކާޑެއްދުށް. ދެން ކޮބާތޯ ކަސްޓަމަރުންގެ ފީޑް ބެކަކީ އެއްކަލަ ބަހަށް އަރަންށޭ މިފަހަރު މިޖެހުނީ ބޮޑު އަގުދީފައި،" ބަންދު ސަލީމް ވިދާޅުވި އެވެ.
އެއާލައިނެއް ހިންގުމުގެ އެތައް ޒަމާންތަކެއް ވޭތުކޮށްފައިވާ ތަޖުރިބާކާރުންގެ ބަސް އެހެންހުރި އިރު ހަގީގަތުގައި ވެސް އެއާޕޯޓްތައް އިތުރުކުރުމަކީ ހަމައެކަނި ސިޔާސީ ވިސްނުމަކަށް ނުހަދާ ދުރުރާސްތާ ވިސްނުމަކަށް ބަދަލުކުރަންޖެހެ އެވެ. ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެ ސަރަހައްދުތަކަކީ ޓޫރިޒަމް ފުޅާކުރެވޭނެ ސަރަހައްދުތަކެއް ކަމުގައި އުންމީދުކުރެވުނަސް އެފަދަ ބޮޑެތި މަޝްރޫއުތައް ފަށަންވާނީ ރޭވިގެން ދެމެހެޓެވި ގޮތަކަށް އެކަން ކުރެވޭ ގޮތަށެވެ. މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުވި ރިސޯޓްތައް އެޅޭ މިންވަރަށް ބަލާ އިރު އެއީ ވަރަށް ލަހުން ކުރިއަށްދާ ކަމެކެވެ. އެގޮތުން މިއަދު ފެންނަމުން ދަނީ އެއް ރިސޯޓް ހެދުމަށް ވެސް އެތައް އަހަރު ދުވަހެއް ހޭދަކުރާ މަންޒަރެވެ. އެހެންކަމުން އަދި ނުވާކަމަކަށް ބަރޯސާކޮށް އެއާޕޯޓްތަކެއް ހަދައިފި ނަމަ ލިބިދާނެ ގެއްލުން މާބޮޑުވާނެ އެވެ.
އެއާޕޯޓްތައް އިތުރުކުރާ ވާހަކަ ދައްކަމުންދާ އިރު މިހާރު ހިންގާ ރީޖަނަލް އެއާޕޯޓްތަކުގެ ނަތިޖާއަކީ ކޮބައިތޯ ބަލައިލަން ޖެހެ އެވެ. ކައްދޫ އެއާޕޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އަލީ ވިދާޅުވީ އެ އެއާޕޯޓް ހިންގަމުންދަނީ ގެއްލުމުގައި ކަމަށެވެ. އެގޮތުން އެ އެއާޕޯޓް ހިންގުމަށް ކުރާ ހަރަދުގެ ދެބައިކޮޅު އެއްބައި ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގެއްލުން ވަނީ އެ ސަރަހައްދުގައި ޓޫރިޒަމް ނެތުމުގެ ސަބަބުން އެސަރަހައްދަށް ދަތުރުކުރާ މިންވަރު ދައްވެގެނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓް ހިންގުމަށް އަޅުގަނޑުމެން ކުރާ ހަރަދުގެ ދެބައިކޮޅު އެއްބައި ވެސް އަޅުގަނޑުމެންނަކަށް ނުލިބޭ، ގާތްގަނޑަކަށް ކުރާ ހަރަދުގެ 40 ޕަސެންޓް ވަރަކަށް ލިބެނީ. ހަމަ ގެއްލުންވަނީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި މިސަރަހައްދުގައި އިތުރު ރިސޯޓްތަކެއް ހުޅުވި ރަނގަޅަށް ޖެއްސިއްޖެ ނަމަ ފައިދާ ވާނެ، ނަމަވެސް މިހާރު ހަމަ ގެއްލުންވަނީ،" ކައްދޫ އެއާޕޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އަލީ ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓާއި އައްޑޫ ސިޓީގެ ގަން އެއާޕޯޓް ހިންގާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވިގޮތުގައި ފުވައްމުލަކު އެއާޕޯޓަކީ ހަމައެކަނި އާންމު ރައްޔިތުނަށް އަމާޒުކޮށްގެން ހިންގާ އެއާޕޯޓަކަށްވާ އިރު އަދި މިހާރުގެ އޮޕްރޭޝަންތައް ކުރިއަށްދާ ގޮތުން އެއެއާޕޯޓުން ފައިދާއެއް ނުވެ އެވެ. ނަމަވެސް މާ ބޮޑު ގެއްލުންތަކެއް ނުވާއިރު ފައިދާއެއް ހޯދުމަށް އެއާޕޯޓުން މިހާރަށްވުރެ މީހުން ދަތުރުކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ގަން އެއާޕޯޓަށް ބަލާއިރު އެއާޕޯޓް އިންޓަނޭޝަނަލް ކުރަންކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުން ކުރަންޖެހުމާ އެކު ގެއްލުންތަކެއްވަމުން އަންނަ ކަމަށާއި ނަމަވެސް އިންޓަނޭޝަނަލް ކުރެވުމުން ހަފްތާއަކު ހަތަރު ފުލައިޓް އަޔަސް ފައިދާވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެކިކަންކޮޅުތަކުގައި އެއާޕޯޓްތައް ހެދުމުގެ ވާހަކަތައް ދައްކަމުންދާ އިރު އެއާޕޯޓްތައް ހެދުމުދުގެ ސަބަބުން ފައިދާތަކެއް ވާކަން ވެސް ހަދާން ނައްތާލެވޭކަށް ނެތެވެ. ކޮންމެ އެއާޕޯޓަކާ އެކު ތަފާތު ގިނަ ވަޒީފާތައް އިތުރުވުމާއި އެ ސަރަހައްދެއް ތަރައްގީވާކަމީ ގަބޫލު ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް އެޅެންނެތް މައިގަނޑު ސަބަބަކީ މިގައުމަކީ ބައި މަދު ގައުމަކަށް ވުމާއި އެންމެނަކީ އެހާ ފޯރުންތެރިމީހުން ކަމުގައިނުވުމެވެ. އެހެންކަމުން ގިނަ އެއާޕޯޓްތަކެއް އެޅި ގިނަ ދަތުރުތައް ރާއްޖޭގެ ގިނަ މަންޒިލްތަކަށް ކުރަންބޭނުންވާ ނަމަ އެތަންތަނުގެ ޓޫރިޒަމް ރަނގަޅުކުރަންޖެހެ އެވެ. ސަބަބަކީ އެއާލައިންތައް އެސަރަހައްދަކަށް ދަތުރުކުރެވެން އޮތީ ޓޫރިޒަމް ރަނގަޅުކުރެވިގެން ކަމުގައިވާތީ އެވެ. އެހެންކަމުން އެއާޕޯޓްތައް އެޅުމުގެ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ އެއާޕޯޓެއް ހިންގޭނެ އިންތިޒާމް ހަމަޖައްސަންޖެހެ އެވެ.