އިންޑިޔާ ސަރުކާރުން ދިވެހި ރާއްޖެއަށް 400 ގެ ދިނުމަށް ވަޢުދުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިކަން ހާމަކުރެއްވީ، އިންޑިޔާގެ ނިއުދިއްލީގައި މިހާރު ހިނގަމުންދާ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެން، ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.


ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިޔާއިން ދިވެހިރާއްޖެއަށް 400 ގެ ދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށާއި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އެކަމުގެ ކަންތައްތައް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.


ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާ އާއި ބޮޑުވަޒީރުގެ އިތުރުން އިންޑިޔާގެ ބޮޑެތި ބައެއް އިންފްރާސްޓްރަކްޗާ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އިންފްރާސްޓްރަކްޗާ ޤާއިމްކުރުމުގައި އޮތް އެންމެ ރަނގަޅު ގޮތްތަކާ ބެހޭ ގޮތުން އެ ބޭފުޅުންނާއެކު މަސްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.