14 Mar 2010, 14:11
19:00
އަލިމަސް ކާނިވާ ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި ދެ މީހެއްގެ ދެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އަލިސްމަސްކާނިވާ ސަރަހައްދުގައި ހުންނަ އެސްޓީއޯ ފިއުސަޕްލައި ކައިރީގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އަނިޔާވެފައިވާ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭރު އޭނާގެ ބޮލުގެ ފަހަތުން ބޮޑުތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މާރާމާރީއަކީ ހުޅުލެއާއި މާލެއާ ދެމެދުގައި ދަތުރުކުރާ ފެރީއެއްގައި މަސައްކަތްކުރާ މީހަކާއި އިތުރު އެހެން މީހަކާ ދެމެދު ހިނގި މާރާމާރީއެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އައިޖީއެމްއެޗުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ހިނގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް ނުދެ އެވެ.