ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް އުފެއްދި ދެ ސަބްސިޑަރީ ކުންފުނީގައި ބޭންކުގެ ޗެއާމަން އަބްދުﷲ ޝިހާމް ހަސަންގެ އެއްވެސް ހިއްސާއެއް މިހާރަކު ނޯންނާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނަނީ ބީއެމްއެލް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޑެޓާއި ބީއެމްއެލް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކުރި އިރު ޗެއާމަން ޝިހާމްގެ ނަމުގައި އެއް ޕަސެންޓް ހިއްސާ ކަނޑައަޅާފައި އޮތް ނަމަވެސް މިހާރު އޭނާގެ ނަމުގައި އެއްވެސް ހިއްސާއެއް އެ ދެ ކުންފުނީގައި ނޯންނާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުންފުނި ރަޖިސްޓްރީ ކުރާއިރު ދެ ހިއްސާދާރުން ތިބުމަކީ ކުންފުންޏާ ބެހޭ ގާނޫނު ލާޒިމް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން ކުންފުނި ރަޖިސްޓްރީ ކުރުމުގެ ބޭނުމަށް ޗެއާމަން ޝިހާމްގެ ނަމުގައި އެއްޕަސެންޓް ހިއްސާ ކަނޑައަޅައި ބޭންކުގެ ނަމުގައި 99 ޕަސެންޓް ހިއްސާ ކަނޑައަޅައި އެ ދެ ކުންފުނި ރަޖިސްޓްރީ ކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމާފައި ވަނީ އެ ދެ ކުންފުނި ރަޖިސްޓްރީ ކުރުމަށްފަހު ޗެއާމަން ޝިހާމްގެ ނަމުގައިވާ އެއް ޕަސެންޓް ހިއްސާ ބަދަލުކުރާގޮތަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އަދި އެ ދެ ކުންފުނި ރަޖިސްޓްރީ ކުރުމަށްފަހު ކޮންމެ ކުންފުންޏަކަށް އެއް ޕަސެންޓް ހިއްސާއާ ބީއެމްއެލްގެ ނަމުގައި 99 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.