28 Jan 2013, 20:55
"އަލިމަތާ އަކުއަޓިކް" ރިސޯޓުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖް ބޮޑު ކޮށްދިނުމަށް އެދި އެ ރަށު މެނޭޖްމެންޓަށް ޕެޓިޝަނެއް ހުށަހެޅުމުން، ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު މުވައްޒަފުން ވަޒީފާ އިން ވަކިކުރި ކަމަށްބުނެ އެކަމާ ދެކޮޅަށް އެ ރިސޯޓުގައި މުވައްޒަފުން އިހްތިޖާޖް ކުރަން ފަށައިފިއެވެ.
މީގެ ދެ ހަފްތާ ކުރިން އަލިމަތާ ރިސޯޓުގެ މެނޭޖްމެންޓަށް ހުށަހެޅި އެ ޕެޓިޝަނާ ގުޅިގެން ރޭ ވަޒީފާއިން ވަކި ކޮށްފައިވަނީ އެ ރިސޯޓުގެ ސީނިއާ ރިސެޕްޝަނިސްޓް އަޝާމް ހަސަނާއި ހެޑް ބާމަން އަޝްރަފްގެ އިތުރުން ހައުސްކީޕަރު އަލީ ޝިހާމް ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ތިރީސް ހަ ދިވެހި މުވައްޒަފަކު ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަންގައި ބުނަނީ މުވައްޒަފުންނަށް ރިސޯޓުން ދޭ މުސާރަ އާއި ސާރވިސް ޗާޖުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސޭ ވަރު ނުވާތީ ސާވިސް ޗާޖް މިހާރަށްވުރެ ބޮޑުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ރިސޯޓުގެ ކެއުމާއި އެހެނިހެން ބައެއް އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާތީ އެކަންކަން ވީއެންމެ އަވަހަކަށް ރަނގަޅުކޮށް ދިނުމަށް ވެސް މުވައްޒަފުން ވަނީ އެދިފަ އެވެ.
ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު އަޝާމް ހަސަން، ސަންއަށް މައުލޫމާތު ދެމުން ބުނީ މުވައްޒަފުން އެދުނު އެއްވެސް ކަމެއް ހަމަޖައްސައިދެވެން ނެތްކަމަށް މެނޭޖްމެންޓުން ބުނެފައިވާ ކަމަށެވެ. އަދި އެ ޕެޓިޝަންގައި މެނޭޖްމެންޓަށް މުހުލަތެއް ދީފައިވާތީ އެކަމާ ހިތްހަމަނުޖެހޭކަމަށް މެނޭޖުމެންޓުން ބުނުމުން މެނޭޖްމަންޓަށް ދިން މުހުލަތު އަނބުރާ ގެންގޮސް މައާފަށް ވެސް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މެނޭޖްމެންޓުން އެކަން ގަބޫލު ނުކޮށް ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން އެތައް ފަހަރަކު ވަނީ މެނޭޖްމެންޓާ އެވާހަކަ ދައްކާފައި. އެވަރުން ވެސް އަލި މަގެއް ނުފެނުނީމާ ޕެޓިޝަން ހުށަހެޅީ. އަޅުގަނޑުމެން މި ބުނަނީ މިތަނުން ދޭ އެއްޗަކުން ދެކޮޅު ނުޖެހޭތީވެ މިކަމަށް ގޮތެއް ހޯދައިދޭށޭ. ބުނީމައި މެނޭޖްމެންޓުން މި ބުނަނީ އެގްރިމެންޓުގެ ދަށުން އެކަން ކޮށްދެވޭކަށް ނެތޭ. ދެން އަޅުގަނޑުމެން ބުނީ އެހެން ނަމަވެސް ކޮންމެވެސް އެއްޗެއް ބޮޑުކޮށް ދޭށޭ. ދެން އަޅުގަނޑު ގޮސް ކޮޓަރީގައި އޮއްވާ އޮފީހުން ގުޅާފައި ބުނީ އާދެ ބަލާށޭ. ދެން ދިޔައިމަ ބުނީ ތިހިރީ ވަޒީފާއިން ވަކިކޮށްފައޭ. އަޅުގަނޑާއި އެކު އަދި ދެމީހަކު ކަނޑާލި،" އަޝާމް ބުންޏެވެ.
އަލިމަތާ ރިސޯޓުގައި ކުރިއަށްދާ އިހްތިޖާޖް އާ ބެހޭގޮތުން ސުވާލު ކުރުމުން އެ ރިސޯޓުގެ މެނޭޖަރު އަބްދުﷲ ނާސިރު ވިދާޅުވީ އެ ރިސޯޓުގައި މައްސަލައެއް ދިމާވެގެން އުޅޭ ކަމަށާއި ނަމަވެސް މި ވަގުތު އެ މައުލޫމާތު ދެވެން ނެތްކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.