28 Jan 2013, 20:41
ސިއްހީ ހިދުމަތްދިނުމުގައި ނ.މާފަރަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެރަށަށް ސަރުކާރުގެ ޓީމެއް ދިއުމަށް ހަމަ ޖައްސައިފި އެވެ.
ހެލްތް މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑރ. އަބްދުއް ސަމަދު އަބްދުﷲ ސަރުކާރުގެ މަސްއޫލިއްތު އަދާކުރާ ކޮމެޓީގައި މިއަދު ވިދާޅުވީ އެރަށުގެ ސިއްހީ ހާލަތު ދެނެގަތުމަށް ސަރުކާރުގެ ވަފުދެއް ތިން ދުވަސް ތެރޭގައި ދާނެ ކަމަށާއި އެ ޓީމް ދާނީ އެމްއެންޑީއެފާ އެކުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާފަރުގެ ރައްޔިތުން ނިކުމެ އިހްތިޖާޖުކޮށްފައިވާތީ އެކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ސަމާލުކަންދޭން ޖެހޭ ކަމަށެވެ.
"ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ދެކެނީ ސަރުކާރުން. އެއީ ރައްޔިތުންތަކެއް ނުކުމެ އެހާ ދުވަސްވަންދެން އިހްތިޖާޖު ކުރީމަ އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދޭން އެބަޖެހޭ އިހްތިޖާޖު މެދުކަނޑާލިކަމުގައިވިނަމަވެސް،" ސަމަދު ވިދާޅުވި އެވެ.
އަސާސީ ހިދުމަތްތައް ނުލިބިގެން މާފަރުގެ ރައްޔިތުން ކުރި އިހްތިޖާޖުތަކުގައި ހެލްތު ސެންޓަރުން ވެސް އެކަށީގެންވާ ހިދުމަތްތައް ނުލިބޭކަމަށް ބުނެ އެތަން ވެސް ބަންދު ކުރިއެވެ. އެހެން ނަމަވެސް މިހާރު ސިއްހީ މަރުކަޒު ހުރީ ހުޅުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ ކޮމެޓީން ވަނީ މާފަރުގެ ރައްޔިތުންގެ އިހްތިޖާޖުތަކާ ގުޅިގެން ކަމާ ގުޅުންހުރި މިނިސްޓްރީތަކުގެ އިސް ވެރިން ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ.