28 Jan 2013, 19:23
ކައުންސިލް ތަކަށް ދޭން ޖެހޭ ބާރުތައް ސަރުކާރުން ދީފައިނުވާތީއާއި ކައުންސިލްތައް ހިންގުމަށްޓަކައި އެކަށީގެންވާ ވަރުގެ ބެޖެޓެއް ހަމަޖައްސާފައި ނުވުމުން ކައުންސިލްތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ލާމަރުކަޒީ ނިޒާމް ފުނޑުފުނޑުވެގެން ދިޔުމުގެ ބިރު އެބައޮތްކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ކައުންސިލްތަކުން ބުނެފި އެވެ.
ބައެއް ކައުންސިލްތަކުގެ އިސްވެރިންނާ އެކު ލޯކަލްގަވާމެންޓް އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭއާއި ކައުންސިލްތަކުން ބުނީ ރައްޔިތުންގެ މަޖިލީހުން މިއަހަރު ކައުންސިލްތަކަށް ފާސްކޮށްދީފައިވާ ބެޖެޓަށް ބަލާއިރު ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ކައުންސިލް ތަކުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކަށް ދީފައިވާ ބަޖެޓް ކުޑަ ވުމުގެ ސަބަބުން ހަތަރު މަސް ފަހުން މުވަޒިފުންގެ މުސާރަ ނުދެވޭނެ ކަމަށް ވެސް ކައުންސިލް ތަކުން ވަނީ ބުނެފަ އެވެ.
އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސައިން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ވިސްނުމެއް ވެސް އަދި ނިޔަތެއް ވެސް ސަރުކާރުގެ ނެތް ކަމަށާއި ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވެސް ސަރުކާރުން ހިފަހައްޓަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑު އެލްޖީއޭގެ ނައިބް ރައީސްގެ ހައިސިއްޔަތުން ދަންނަވަން އޮތީ ކައުންސިލް ތަކުން އެ ފާހަގަ ކުރެއްވި ކަންތަކާއި، ފާޅު ކުރެއްވި ކަންބޮޑުވުންތައް އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަމޭ. އަޅުގަނޑަށް ވެސް ގަބޫލު ކުރެވޭ ގޮތުގަ ނިޔަތެއް ވެސް އަދި ހަކަތައެއް ނެތް އެ ބޭފުޅުންގެ މިކަމުގަ. ގާނޫނުގެ 139 ވަނަ މާއްދާގަ ބުނާ ކަންތައްތައް ވެސް މިއަދާއި ހަމައަށް އައިރު ސަރުކާރުން ކޮށްފައެއް ނެތް. ކައުންސިލް ތަކަށް ދޭން ޖެހޭ މާލީ ކަންތައްތައް ވެސް މިއަދާއި ހަމައަށް ހަމަޖައްސާފަ އެއް ނެތް. ހަމައެހެންމެ ކައުންސިލްތަކުގެ އުސޫލީ ކަންތައްތައް ހިންގުމާއި ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދު ވެސް އަޅުގަނޑުމެން އެލްޖީއޭއިން ވަނީ ހަދާފަ. ރައީސް އޮފީހަށް ގެޒެޓް ކުރަން ފޮނުވިތާ 10 މަސް ދުވަސް ވެގެން ދިޔައިރު ވެސް އެކަމެއް ވެސް ކޮށްފަ އެއް ނުވޭ. ދެން ކިހިނެއްތޯ ކައުންސިލް ތަކުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދޭނީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލްޖީއޭއިން އަދާކުރަން ޖެހޭ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކުރެވިފައިނުވާކަމަށް ގަބޫލު ކުރައްވާކަމަށާއި އެހެން އެކަން ދިމާވާން ޖެހުނީ ސަރުކާރުގެ އަމަލުތައް ހުރިގޮތުގެ ސަބަބުން ކަމަށެވެ. އަދި ގާނޫނު ބައްޓަން ކުރެވިފައި އޮތްގޮތުން ދައުވާ ކުރުމުގެ ބާރު އެލްޖީއޭއަށް ލިބިފައިނުވާތީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނަ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
"ބައްދަލުވުމުގެ ހުލާސާއެއްގެ ގޮތުން އަޅުގަނޑު ދަންނަވަން ބޭނުން ވަނީ މި ނިޒާމު މިހިރަ ދަނީ ފެއިލްވެގެންނޭ. މިހާރު އޮތީ އައިސީޔޫގައި ބާއްވާފައި. މިއަދު ކަމެއް މާދަމާ ކަމެއް ނޭނގެ މަރުވާނީ. އެކަމުން ގެއްލުން ވާނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް،" ޝުޖާއު ވިދާޅުވި އެވެ
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުރިހާ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ނާއިބްރައީސުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކައުންސިލް ތަކުގެ އަޑު ނާއްސަވާކަމަށާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް ނުދޭނަމަ ކައުންސިލް އިދާރާ ބަންދުކުރުމަށްފަހު އިހުތިޖާޖަށް ނުކުންނަން ޖެހިދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅެނީ ހަމައެކަނި ބަޖެޓުގެ މައްސަލައެއް ނޫން. ދުސްތޫރީ ގޮތުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ދިމާވެފައިވާ މައްސަލަތަކެއް ފެންމަތިވެގެން މިއުޅެނީ،" ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ވިދާޅުވި އެވެ.
މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ ކައުންސިލްތަކުން އެ މީހުން އަދާ ކުރަން ޖެހޭ ވާޖިބުތަކާއި މަސްއޫލީއްޔަތުތައް އަދާ ކުރަމުން ނުދާ ކަމަށް ބުނެ ސަރުކާރުން ވާހަކަދައްކާއިރު، ގާނޫނުގައި ބުނާ ބާރުތައް ކައުންސިލްތަކަށް ލިބިދީފައިވޭތޯ ބަލަންޖެހޭ ކަމަށެވެ.
އަލިބެ ވިދާޅުވީ ޕްރީ ސްކޫލް ހިންގުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށްވާއިރު، ސަރުކާރުން އެކަމަށް ވެސް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މާލޭގެ ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ވެސް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށާއި ކުނި ނައްތާލުމަށް ބޭނުން ކުރާ ގިނަ ސާމާނުތައް މަރާމާތު ކުރަން ޖެހިފައިވާތީ އެކަންކުރެވޭނެ ބަޖެޓް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދުމުން މިހާތަނަށް ވެސް އެކަން ކޮށްދީފައި ނުވާކަމަށެވެ.