28 Jan 2013, 18:12
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުޏާ ހަވާލުކޮށްފައީ އޮތް އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލު ކުރުމާ ގުޅިގެން ރާއްޖެ އާއި އިންޑިޔާއާ ދެމެދު އެއްވެސް ބުރޫއެއް ނާރާ ކަމަށް ބުނި ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ދާ ދިވެހިނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މިއަދު ބޭއްވި "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި" ވާހަކަ ދައްކަވަމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ބުރޫއަރާފައިވާ ކަމަށް ވަނީ ނުރަސްމީކޮށް އެއްބަސްވެވަޑައިގެންފަ އެވެ.
"އިންޑިޔާއި ރާއްޖެ އަކީ ވަރަށް ގާތްގުޅުމެއް އޮތް އެތައް އަހަަރެއް ވަންދެން އޮތް ގައުމެއްކަން އެއްބަސްވެވަޑައިގަންވާނެ. ފަހަކަށް އައިސް ދިމާވި ކަންތައްތަކުގައި ހާއްސަކޮށް ޖީއެމްއާރު އިޝޫއާ ގުޅިގެން އޮފިޝަލީ [ރަސްމީކޮން] އަޅުގަނޑުމެން ނުބުނަން އުޅުނަސް އަޅުގަނޑުމެންގެ ރިލޭޝަންޝިޕަށް [ދެ ގައުމުގެ ގުޅުމަށް] ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފި. އޮފިޝަލް ލެވެލްއެއްގައި އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެންގެ ރިލޭޝަންޝިޕަށް އެއްވެސް ބުރޫއެއް ނާންނާނެ ކަމަށް ޔަގީކަން ދެއްވި އަސް ގްރައުންޑް ރިއަލިޓީ އަކީ [ހަގީގަތަކީ] އަޅުގަނޑުމެނަށް އެބަފެނޭ ބަދަލުތަކެއް އަންނަތަން،"
އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާފައިވާ އިރު އިންޑިޔާ އިން ލިބޭ އެހީތެރިކަން ކުއްލި އަކަށް ހުއްޓައިފާނެ ކަމަށް ޓަކައި ވަރަށް ދުރާލާ ވިސްނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި ގުޅުން ބަދަހި ކުރުމަށް އިންޑިޔާ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނަން ދުރަލާ ދެން އަތުވެދާނީ ކޮންކޮން ކަންކަމެއް ކަން. އަޅުގަނޑުމެން ބޭނުމެއްނޫން ކުއްލިއަކަށް ދިމާވާ ކަންކަމާ މެދު ދިމާވާ ކަންތައްކަކާ މެދު ނުވިސްނާ ތިބޭކަށް. އެގޮތުން ދެ ގޮތަށް އަޅުގަނޑު ވާހަކަ ދެއްކިން. އިންޑިޔާ ހައިކޮމިޝަނާ ވާހަކަ ދައްކައިގެންނާއި އިންޑިޔާ ސަރުކާ ވާހަކަ ދައްކައިގެން ދެ ފަރާތުން އެއްބަސްވާނެ ގޮތަކަށް ގުޅުން ރަނގަޅު ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިޔާ އިން ރާއްޖެ އަށް ކާނާގެ އެކި ބާވާތައް ގެނައުމުންދާ އިރު ރާއްޖޭގައި އޭގެ ތެރެއިން ބައެއް ތަކެތި ހެއްދުމަށް ކަމާ ބެހޭ މިނިސްޓްރީތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެން ގޮތަކުން ވެސް މަސައްކަތްކުރަން ފަށައިފިން. ކަމާ ބެހޭ މިނިސްޓްރީތަކަށް ގުޅިގެން. އެގްރިކަލްޗާ ޕްރޮޑިއުސް އިތުރުކުރުމަށް ދިގު މުއްދަތަކަށް ހުޅުވާލައިގެން ނަމަވެސް. ރާއްޖޭގެ ފަޅު ރަށްތަކުގައި އެ އެއްޗެހި ހެދޭގޮތަށް،" ސަމަދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު އެ ކޮމެޓީގައި މިއަދު ވިދާޅުވީ އިންޑިޔާ އިން ރަނގަޅުކޮށްދިނުމަށް އެދި ހަތް ކަމެއް ހުށަހަޅާފައިވާ ކަމަށާއި އެކަކަން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިންޑިއާ އަށް ދިއުމަށް ބޭނުންވާ ވިސާ ހޯދުމުގެ ކަންތައްތައް ފޮރިން މިނިސްޓްރީ އަށް ބަދަލުކުރުމަށް ފަހު ވިސާ ނެގުމަށް އިންޑިއަން ހައިކޮމިޝަނުން ހަމަޖެއްސުމާ ގުޅިގެން، ވިސާ ހޯދުމަށް ކޮމިޝަން ދޮށުގައި މިހާރު ވަނީ ކިޔު ހަދަންގެން ތިބެން ޖެހިފަ އެވެ.
ޖީއެމްއާރު މައްސަލައާ ގުޅިގެން މި ސަރުކާރަށް ތާއިދުކުރާ ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުން އަންނަނީ އޭގެ ސަބަބުން އިންޑިޔާއާއި ރާއްޖެއާއިދެމެދު އެއްވެސް ބުރޫއެއް ނަރާ ކަމަށެވެ. އަދި ވިސާ ހޯދަން ކިޔު ހަދައިގެން ތިބެނީ ސިޔާސީ ރޭވުމެއްގެ ތެރެއިން ކަމަށް ބައެއް މަޖިލީސް މެންބަރުން ވެސް ވިދާޅުވެފައިވެ އެވެ.