28 Jan 2013, 17:56
މާލޭ އިރުމަތީ ފަރާތު، ރާޅުގަނޑު ސަރަހައްދުގެ ފަރަށް އެރި އާގު ބޯޓުން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 62 މިލިއަން ރުފިޔާގެ ބޭންކް ގަރަންޓީއެއް ބެހެއްޓުމުން ބޯޓު ފުރުމުގެ ހުއްދަދީފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެސެސް ކުރުމަށް ފަހު، ސިލްވާ ލައިންއިން ކޮމްޕެނީ އިން އެޖެންޓްކަން ކުރާ، ޑެލްމާސް ޝިޕިން ކުންފުނީގެ ބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުމަށް 4.06 މިލިއަން ޑޮލަރު( 62.73 މިލިއަން ރުފިޔާ)ގެ ބޭންކް ގަރަންޓީއެއް ބެހެއްޓީ މިއަދު ކަމަށާއި އަދި އެ ގަރަންޓީ ބެހެއްޓުމާ އެކު އެ ބޯޓު ފުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޭންކް ގަރަންޓީ ބޭނުން ކުރާނީ، ފަރަށް ލިބުނު ގެއްލުން ޑެލްމާސް ކުންފުނީގެ ފަރާތުންނާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ބަލައި އެސަސް ކުރުމަށް ފަހު ކަމަށެވެ.
ސިލްވާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލު މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން ދައްކަން އެންގި ހަތަރު މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީ ބެހެޓުމުން ބޯޓު ފުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި ދެ ތިން ގަޑި އިރުގެ ތެރޭގައި ބޯޓަށް ފުރޭވަރު ވާނެ ކަމަށެވެ.
"ބޭންކް ގަރަންޓީ ހޯދުމަށް ލަސްވީ ލޯންގް ވީކްއެންޑެއް އައުމުންނާއި އަދި ހުޅުވުނު ދުވަސް، އާދީއްތަ ދުވަހަކީ ޔޫރަޕަށް ބަންދު ދުވަހަކަށްވާތީ،" އެޗުއެސްބީސީ އިން ހޯދި ބޭންކް ގަރަންޓީއާ ބެހޭ ގޮތުން ނަބީލް ވިދާޅުވި އެވެ.
ނަބީލު ވިދާޅުވި ގޮތުގައި ޑެލްމާސްގެ ބޯޓެއް މީގެ ކުރިން މާލޭ ފަރަށް އަރައި ބޯޓު ފަރުމަތީގައި 20 ދުވަސް ވަންދެން އޮތުމަށް ފަހު ފުންކުރުމުން ވެސް ޖޫރިމަނާކޮށްފައި ވަނީ 4.5 މިލިއަން ރުފިޔާ އިން ކަމަށާއި އެ އަގަށް ބަލާ އިރު ވެސް މި ފަހަރު ފަރަށް އެރި އެ ކުންފުނީގެ ބޯޓްގެ ޖޫރިމަނާއަކީ ބޮޑު އަދަދެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ލައިބީރިޔާގައި ރަޖިސްޓްރީކޮށްފައިވާ 27،000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" މާލޭ ފަރުމަތީގައި ތިން ގަޑި އިރު ވެސް ނުވާ ކަމަށެވެ.
ރާޅުގަނޑު ސަރަހައްދުގެ ފަރަށް މި މަހުގެ 7 ވަނަ ދުވަހު އާގު ބޯޓް އެރީ ގާދޫކޮލުން ވަދެގެން، މާލެއިން ހުޅުލެއާ ދެމެދު ކަނޑުން ވަނުމަށް ފަހު، އަނބުރާލާފައި ބޭރުކަނޑަށް ނުކުންނަށް އުޅެނިކޮށެވެ. ބޯޓް ފުންކުރީ ތިން ގަޑިއިރުގެ މަސައްކަތަށް ފަހު އެވެ. ބޯޓް ފުންކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބޯޓްގެ އެޖެންޓުން އެހީގައި ބޭނުން ކުރި ދެ ޓަގަކުންނެވެ. ބޯޓް ފުންކުރި އިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ހަރަކާތްތެރިވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުކޮޅު ޝަންގްރިއްލާ ފަރަށް ވެސް ވަނީ ބޮޑު އާގު ބޯޓެއް އަރައި އެ ރިސޯޓްގެ ފަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އަދި އެ ބޯޓު ފުންވީ ފަރުމަތީގައި އޮންނަތާ މަސް ދުވަސް ފަހުންނެވެ.
އެ ބޯޓު ފުން ނުކުރެވި ގިނަ ދުވަސްވާން ފެށުމުން ދުވާލަކު 700،000ރ.ގެ ރޭޓުން އެ ބޯޓު ޖޫރިމަނާކުރި އެވެ.