ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުނީގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންގެންދާތީ އެ ދެ ކުންފުނީގެ އެއްވެސް މަސައްކަތެއް އަދި ކުރިއަށް ނުގެންދިއުމަށް އޭސީސީން އެ ބޭންކަށް އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަންއޮންލައިނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބީއެމްއެލްގެ ނަމުގައި ރަޖިސްޓްރީިކޮށްފައިވާ ބީއެމްއެލް ޕްރޮޕަޓީސް ލިމިޓެޑާއި ބީއެމްއެލް އިންވެސްޓްމަންޓް ލިމިޓެޑުގެ އެއްވެސް މަަސައްކަތަކެއް މިވަގުތު ކުރިއަށް ނުގެންދިއުމަށް އޭސީސީން އިއްޔެ ބީއެމްއެލަށް އަންގާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ބީއެމްއެލަށް އަންގާފައި ވަނީ އެ ދެކުންފުނި އުފެއްދުމާ ގުޅިގެން ބައެއް ފަރާތްތަކުން ހުށަހަޅިފައިވާ ޝަކުވާތަކާ ގުޅިގެން އެކޮމިޝަނުން އެ މައްސަލަ ބަލަމުން ގެންދާތީ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

" އެ ދެކުންފުނީގެ މައްސަަލަ މީޑިއާތަކުން ފެނިގެން އަޅުގަނޑުމެން އެމައްސަލަ ބަލަމުން މިގެންދަނީ. އެހެންވެ އެކަމުގައި އަޅުގަނޑުމެން ވަކި އެއްޗެއް އަންގަން ދެއް އެ ދެކުންފުނީގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ވާނީ އަންގާފައި، އެ މައްސަލަ މިކޮމިޝަނުން ބަލަމުން ދަނިކޮށް އަމިއްލަ ފަރާތްތަކުން ވެސް ޝަކުވާތަކެއް ވަނީ ހުށަހަޅައިފައި. އޭގެތެރޭގައި ބޭންކްގެ ޗެއާމަން އަށް ހިއްސާވާ ގޮތަށް ކުންފުންޏެއް އުފައްދާފައި އޮތް ކަމުގެ ޝަކުވާ އާއި ވިއްކާލަން ކޯޓުން ހުކުމްކޮށްފައިވާ ރަހުނުތަކެއް ނުވިއްކާ އެތަން މެނޭޖްކުރަން އުޅޭ މައްސަލަ އާއި ބައެއް މީހުންގެ މޯގޭޖްތައް ވެސް ވިއްކާލާފައޭ ވަނީ އެހެން ނަމަވެސް ތިމަންނަމެންނަކަށް އެގޮތަށް ނުހަދައިދެއޭ ކިޔާފައި ވެސް އެބަހުރި ޝަކުވާތައް ހުށަހަޅައިފައި،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އެ ދެކުންފުންޏާ ބެހޭ ލިޔެކިޔުންތައް އޭސީސީ އަށް ހޯދަން ބޭނުންވެގެން އެކަން މިހާރު ބީއެމްއެލަށް ހުށަހަޅައިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ދެކުންފުނީގެ ތެރެއިން ޕްރޮޕަޓީސް ލިމިޓެޑްގެ އެއް ޕަސެންޓް އެކުންފުނީގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމަށް ދީފައިވާ އިރު އެބޭންކްގެ އިންވެސްޓްމަންޓް ކުންފުނީގެ ހިއްސާއެއް ބޭންކުގެ ސީއީއޯ ޕީޓާ ހޯޓަން ދީފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ދެކުންފުންޏާ ބެހޭ އެއްވެސް މައުލޫމާތު ބީއެމްއެލުން އަދި ނުދެ އެވެ.

ބީއެމްއެލް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދިވެހި ބޭންކުން ކުންފުންޏެއް އުފެއްދީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ ހިއްސާ ކުރިން އޮތް ރީތި ބީޗު ރިސޯޓްގެ މޯގޭޖު އެ ކުންފުންޏަށް ބަދަލު ކުރުމަށެވެ. އަދި ބީއެމްއެލް ޕްރޮޕަޓީސްގެ ނަމުގައި ހަދާފައިވާ ކުންފުންޏަކުން ރީތި ބީޗް ރިސޯޓްގެ ހެޑް ލީސް ބަދަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅައިފައިވާ ކަމަށް ވެސް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބީއެމްއެލް އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ބީއެމްއެލަށް ދީފަ އެވެ. އެ ލޯނުތަކަށް ގެރެންޓީ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.

ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސް ލޯނުގެ އަދަދު 117 މިލިއަން ރުފިޔާ އަށް އަރާ އިރު އެ ފައިސާ ދައްކާފައި ނުވާތީ އިންޓަރެސްޓާ އެކު ލޯނުގެ އަދަދު ވަނީ 206 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.