28 Jan 2013, 17:30
އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހާނާ ފޮޓޯ ނަގައި އެ އަންހެން ކުއްޖާއަށް ޖިސްމާނީ އަނިޔާ ކުރަމުން ދިޔަ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އަންހެން ކުއްޖަކަށް ބިރު ދައްކައި އެ އަންހެން ކުއްޖާގެ ބަރަހާނާ ފޮޓޯ ނަގައިގެން އެކުއްޖާއަށް ޖިސްމާނީ އަނިޔާކުރި ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައަކީ ކުއްޖެއްގެ މައްސަަލައަކަށް ވާތީ އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އާއިލާގެ ފަރާތުން ސަން އޮންލައިނާ ވާހަކަދެއްކި އެ އަންހެން ކުއްޖާގެ އާއިލާގެ މީހަކު ބުނި ގޮތުގައި އެއަންހެން ކުއްޖާގެ ބަރަހަނާ ފޮޓޯ ނަގައިގެން ބިރުދައްކައި ހަދާފައި ވަނީ އެ އަންހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާ ކަމަށެވެ. އެ މައްސަލަ ފުލުހުނަށް ރިޕޯޓް ކުރީ ލޯބީގެ ގުޅުން ކަނޑާލި ކަމަށް އަންހެން ކުއްޖާ ފިރިހެން މީހާގެ އާއިލާގެ މީހުންގެ ކައިރީގައި ބުނުމާ ގުޅިގެން އަންހެން ކުއްޖާއާ މާރާމާރީ ހިންގައި އޭނަގެ ލޮލަށް އިނގިލި ކޮއްޕާލުމާ ގުޅިގެންނެވެ.
އެ މާރާމާރީ ހިންގާފައި ވަނީ އަންހެން ކުއްޖާ ވަޒީފާ އަދާ ކުރާ ފިހާރައިގެ ތެރެއަށް ވަދެ އެވެ. އަދި އެ ދުވަހު އޭނާ އެ ފިހާރައިން ނުކުމެގެން ދިޔައީ އަންހެން ކުއްޖާގެ އަތުގައި އޮތް ފޯނު ވެސް ފޭރި ގަނެގެން ކަމަށް އާއިލާ އިން ބުންޏެވެ.
ރައްޓެހިވެގެން އުޅުނު ދޮޅު އަހަރު ތެރޭގައި އެ އަންހެން ކުއްޖާގެ ބަރަހާނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ، ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ އެ މީހާ ދިޔައީ އެ ކުއްޖާ ބްލެކްމެއިލް ކުރަމުން ކަމަށް އާއިލް އިން ތުހުމަތު ކުރެ އެވެ.
"ބަރަހާނާ ފޮޓޯ ތަކެއް ހުއްޓޭ ކިޔައިންގެން އެ އަންހެން ކުއްޖާއަށް ބިރު ދައްކަމުން ގެންދަނީ، އަންހެން ކުއްޖާގެ ގައިގާ ތަޅާ ހަދާ، ބައެއް ފަހަރު އަންހެން ކުއްޖާއަށް ބިރު ދައްކުވައިގެން އެބަހުރި ކަންތައް ކުރުވާފަ، ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ބޭނުން ވަނީ އެ މައްސަލާގަ ކުރިއަށް ނުދިއުމަށް،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މައްސަލަ އެ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ހިންދާލުމަށް މަސައްކަތްކޮށް، އެ ކަމުގެ އަންހެން ކުއްޖާއަށް އިންސާފެއް ނުލިބި މައްސަލަ އޮބިގެން ހިނގައިދާނެތީ ކަމަށް ވެސް އާއިލާއިން ބުންޏެވެ.