ދެ ޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް އިދިކޮޅު ޕީއޭ އިން ބުނެފި އެވެ.


މާޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްގައި ދެ ޖިންސު މަސްހުނިކޮށް ކިވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ދެކޮޅުހަދަމުން ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އަބުދުލްއަޒީޒު ޖަމާލު އަބޫބަކުރު މިއަދު ވިދާޅުވީ، ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުމާއި އަރަބި އިސްލާމީ ތައުލީމަށް ދުއްތުރާ ކުރުމަކީ، "އަލްމާނީ ފިކުރެއް"ގެ ދަށުން ރާވައިގެން ސަރުކާރުން ކުރަމުން ގެންދާ ކަމެއްކަމަށެވެ.


އަދި އެޑިއުކޭޝަން މިނިސްޓަރު މަގާމުގައި ހުންނެވި ޑރ. މުސްތަފާ ލުތުފީއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާއި، ޑރ. މުސްތަފާ ލުތުފީއަކީ އެ މަގާމުގައި ހުންނެވޭނެ ބޭފުޅެއް ނޫން ކަމަށް ވެސް އަބުދުލް އަޒީޒު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ބާރުގައި އިތުރުފުޅު ހައްދަވައިގެން ރާއްޖޭގެ އަރަބި އިސްލާމީ ތައުލީމް ނައްތާލުމަށް ޑރ. މުސްތަފާ ލުތުފީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަމަށް އަޒީ ތުހުމަތު ކުރެއްވި އެވެ. އަދި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުން ބޮޑެތި ފައިދާތަކެއް ކުރާކަމަށް ދިރާސާތަކުން ދައްކާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާ ވާހަކަފުޅަކީ ހަގީގަތާ ހިލާފް ވާހަކަފުޅެއްކަމަށާއި އެގޮތަށް ކިޔަވައި ދިނުމަކީ، އިޖުތިމާއީ މައްސަލަތައް ކުރިމަތިވާ އެއް ސަބަބުކަމަށް އެމެރިކާގެ މަޝްހޫރު އިލްމުވެރިންނާއި ތައުލީމީ މާހިރުންގެ ދިރާސާތަކުން ދައްކާ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ. އަދި ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމަށް ވުރެ ދެ ޖިންސު ވަކިން ކިޔަވައި ދިނުމުން ހާސިލުކުރެވޭ ނަތީޖާ ތިން ގުނަ އިތުރުކަމަށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން 2005 ވަނަ އަހަރު ކޮށްފައިވާ ދިރާސާ އަކުން ދައްކާ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ.


ޕީއޭ އިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބުނެފައި ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގަ އާއި އަދި އެ ނޫން ބައެއް ސްކޫލްތަކުގައި މަސްހުނިކޮށް ކިޔަވައިދެނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ދެ ޖިންސް ވަކިން ކިޔަވައިދެވޭ ގޮތަށް ވަސީލަތްތައް ގާއިމުވެފައި ހުރި ސްކޫލްތަކުގައި ދެ ޖިންސު އެއްކޮށް ކިޔަވައިދިނުމަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.