ނ. މާފަރުގެ ދެކުނު ފަރާތު ސަރައްހަދަށް ލޮނުވަދެ 20،000 ވުރެ ގިނަ އަދަދެއްގެ ރުއްތަކެއް ހަލާކުވެ، ތިމާވެއްޓަށް ބޮޑު ގެއްލުންތަކެއް ވެފައިވާއިރު އެ ވާހަކަތައް މިހާތަނަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެންވަރުމަންޓް މިނިސްޓްރީން ބުނެފި އެވެ.

މާފަރުގެ ދެކުނު ފަރާތުގެ ހުރި ރުއްތައް މަރުވާން ފެށީ 2008 ވަނަ އަހަރު އެރަށުގައި އެއާޕޯޓެއް އެޅުމަށް ފަށަން އުޅުނު މަސައްކަތައް ބޭނުންވާ ސާމާނު އެ ސަރަހައްދަށް ބޭލުމަށް ރަށުގެ ދެކުނު ފަރާތުގައި ހެދި "ވެލި ބެޑް" ކައިރިން ލޮނު ވަދެގެންނެވެ.

މީގެ ހަތަރު އަހަރު ދުވަސްކުރިން ފެށިގެން މާފަރަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި އެންވަރުމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާކަން އެނގިވަޑައިގެންވީ ވެސް އެރަށު މީހުން ކުރަމުންދިޔަ އިހްތިޖާޖުތަކާ ގުޅިގެން ކަމަށެވެ. މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވަނީ މާފަރުން ރުއް މަރުވި ސަރަހައްދުގެ ތިމާވެށީގެ ހާލަތު ދައްކުގައިދޭ ފޮޓޯތަކެއް މިނިސްޓަރަކަށް ދައްކާފަ އެވެ.

މާފަރުގެ ތިމާވެށީގެ ހާލަތާ ބެހޭ ގޮތުން ކޮމެޓީން ހޯދާފައިވާ މައުލުމާތުތައް މިނިސްޓަރާ ހިއްސާ ކުރެއްވުމުން ވިދާޅުވީ އެރަށުގައި އެފަދަ މައްސަލައެއް ދިމާވެފައިވާކަން އެއްވެސް ފަރާތަކުން މިނިސްޓްރީއަށް އަންގާފައިވާކަން ލިޔުމަކުން އެނގެން ނެތް ކަމަށެވެ.

މާފަރަށް ދިމާވެފައިވާ ތިމާވެށީ މައްސަލަތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެރަށަށް ދިމާވަމުންދާ ތިމަވެށީގެ މައްސަލަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަދި އަޅަން ނިންމާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެރަށަށް ދިމާވެފައިވާ މައްސަލަތައް ބެލުމަށް ވަފުދެއް ފޮނުއްވާނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.

"އަދި އަޅަން ޖެހޭ ފިޔަވަޅެއްވެސް އަޅުގަނޑުމެނަށްވެސް ނޭނގޭ. ފުރަތަމަ ޖެހޭނީ އެސެސްމެންޓެއް ހަދަން. އެސެސްމެންޓެއް ހަދާއިރު ޖެހޭނީ ޓީމެއް ފޮނުވައިގެން ބަލަން މައްސަލަތަކަކީ ކޮބައިތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މާފަރު ކައުންސިލުން އެ މައްސަލަ މިނިސްޓްރީއަށް އަންގާފައިނުވަނީ ލޮނުވަދެފައިވާ ސަރަހައްދަކީ ކައުންސިލްތަކުގެ އިހްތިސާސް ތެރެއިން ނަގާފައިވާ ސަރަހައްދަކަށް ވުމުން ކަމަށް އެ ކައުންސިލްގެ މެންބަރުންނާއި ހަވާލާދީ ކޮމެޓީ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. މާފަރު ހިމެނޭ ދާއިރާގެ މެންބަރު މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގް ވިދާޅުވީ އެ މައްސަލަ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަންތައް ކައުންސިލުން ވަނީ ގެނެސްފައި. އެހެން ނަމަވެސް އެންވަރުމަންޓް މިނިސްޓްރީއަށް އެކަން އަންގަން ޖެހޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދެއްވީމަ އެ މިނިސްޓްރީންނޭ ކައުންސިލުން ގަބޫލުކުރަނީ. އެ ވިސްނުމުގައި އެ ބޭފުޅުން މަސައްކަތް ކުރައްވާފައި އޮތްކަން އަޅުގަނޑަށް އެނގޭތީ އެކަން ފާހަގަކޮށްލަން،" ތާރިގު ވިދާޅުވި އެވެ.

ތޯރިގު ދެއްކެވި ވާހަކަފުޅު ތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަކީލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެފަދަ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ފާހަގަކުރަން ސަރުކާރުގެ އެއް މުވައްސަސާއި އަނެއް މުވައްސަސާއި ދެމެދު އޮންނަންވާ ގުޅުން ނެތްކަން. އެކަމުގެ ސަބަބުން ވަރަށް ދެރަ ކަންތައްތަކާއި އަޅުގަނޑުމެނަށް ދިމާވަމުން އެބައާދޭ. މި މައްސަލައިގައި ވެސް ކައުންސިލުން އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެވާހަކަތައް ހިއްސާކުރައްވާފައި، އެ މިނިސްޓްރީން ނެތް އަޅުގަނޑުމެންނާއި [އެންވަރުމަންޓް މިނިސްޓްރީއާ] އަންގާފައި،" ޑރ. ޝަކީލާ ވިދާޅުވި އެވެ.