28 Jan 2013, 16:25
މިހާރު ކުރިއަށްދާ ޓްރާންސްފާގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ފޯވާޑެއް ގެނައުމަށް ނުވިސްނާ ކަމަށް އެ ކުލަބުގެ ކޯޗު އަންދްރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
އެފްރިކަން ނޭޝަންސް ކަޕްގައި ޓޮޓެންހަމްގެ ފޯވާޑް ޓޯގޯ ގައުމީ ޓީމަށް ކުޅެމުންދާތީ އެ ކުލަބުން ދަނީ އޭނާއާ ކުޅެން މަޖުބޫރުވެފަ އެވެ. އަޑެބަޔޯގެ އިތުރުން އެކްލަބުގެ އިނގިރޭސި ފޯވާޑް ޖާމެން ޑެފޯ އަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ވެސް ޓޮޓެންހަމް އަށް ނުކުޅެވެ އެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ލީޑްސް ޔުނައިތެޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުން 2-1 ލަނޑުން ޓޮޓެންހަމް ބަލިވި ނަމަވެސް އެކުލަބުގައި މިހާރު ތިބި ކުޅުންތެރިންނާއި މެދު ހިތްހަމަޖެހޭ ކަމަށް ވިޔަސް ބޮއަސް ބުނެފައި ވެއެވެ.
"ޓީމްގައި ތިބި ކުޅުންތެރިންނާއި މެދު އަހަރެން ހިތްހަމަޖެހޭ. އެފްރިކަން ނޭޝަންސް ކަޕްގައި ޓޯގޯ ތަމްސީލު ކުރަމުންދާ އަޑެބަޔޯ އަށް މެޗުތަކެއް ގެއްލޭނެ. އަދި ޑެފޯ އަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ އަށް ވެސް މެޗުތަކެއް ގެއްލިގެން ދާނެ. ނަމަވެސް ނޯވިޗް އާއި ދެކޮޅަށް ނުކުންނަ މެޗުގައި ޑެފޯ އަށް ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު. މިހާރު ކުރިއަށްދާ ޓްރާންސްފާގައި އިތުރު ކުޅުންތެރިއެއް ގެނައުމަކަށް ނުވިސްނަން،" ވިޔަސް ބޮއަސް ބުންޏެވެ.
ލީޑްސް އާއި ދެކޮޅަށް ކުޅުނު މެޗަށް ޓޮޓެންހަމް ނުކުތްއިރު، އެ ކުލަބުން ފަސް ބަދަލެއް ފެނިފައި ވެއެވެ. މިކަމާއި ބެހޭގޮތުން ވިޔަސް ބޮއަސް ބުނީ، އެ ކްލަބުން ވިސްނަނީ ޕްރެމިއާ ލީގަށް ކަމަށެވެ. "އަހަރެން ކުޅެން ނެރުނު ކުޅުންތެރިންނާއި މެދު އިތުބާރު އޮތް. ލީޑްސް އަތުން އަހަރެމެން ބޭނުންވީ މޮޅުވާން. އަދި ކޮންމެ މުބާރާތަކު ވެސް ރަނގަޅު ކުޅުމެއް ދައްކަން ބޭނުން. ނަމަވެސް އަހަރެމެން އެންމެ އިސްކަމެއް ދޭނީ ޕްރެމިއާ ލީގަށް." ވިޔަސް ބޮއަސް ބުންޏެވެ.
ޕްރެމިއާ ލީގުގައި ޓޮޓެންހަމް މިވަގުތު އޮތީ ހަތަރުވަނާގަ އެވެ. ތިންވަނާގައި އޮތް ޗެލްސީ އާއި ޓޮޓެންހަމް އާއި ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.