28 Jan 2013, 16:11
ސްކޫލްތަކުގެ ޓެންޑާ އިވެލުއޭޝަން ކޮމެޓީ ތަކުގައި ދައުލަތުގެ މުވައްޒަފުން ނޫން އެހެން ފަރާތްތަކަށް ބައިވެރިނުވެވޭނެ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އޭސީސީން އަންގައިފި އެވެ.
އޭސީސީން އެޑިއުކޭޝަނަށް އެގޮތަށް އެންގީ 2012 ވަނަ އަހަރަށް ދަރުމަވަންތަ ސްކޫލްގައި ތައްޔާރުކުރި ޕްރައިމަރީ ކްލާސްރޫމްތަކާއި، ހަ ކުލާސް ރޫމެއްގެ ދޮރާއި ދޮރުފަތްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސްކޫލުން ކުރި އިއުލާނާ ގުޅިގެން 14 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވަނިކޮށް އެހުރިހާ މަސައްކަތެއް އެއް ކުންފުންޏަކާ ހަވާލުކުރި މައްސަލައިގަ އެވެ. އޭސީސީން އެ މައްސަލަ ތަހުގީގު ކުރީ އެ މަސައްކަތްތައް ހަވާލުކުރި ކުންފުންޏަށް ވުރެ ކުޑަ އަގު އެހެން ފަރާތްތަކުން ހުށަހަޅާފައިވަނިކޮށް ވެސް ވަކި ކުންފުންޏަކާ އެ މަސައްކަތް ހަވާލު ކުރުމުންނެވެ.
އެ މައްސަލައިގައި އޭސީސީން ބުނީ ސްކޫލްތަކުގެ ބޯޑުގެ މެމްބަރުން ސްކޫލްތަކުގެ ޓެންޑާ އިވެލުއެޝަން ކޮމެޓީގައި ބައިވެރިވަމުންދާއިރު، ސްކޫލްތަކުގެ ބޯޑުގެ މެމްބަރުންނަކީ ދައުލަތުގެ މުވައްޒަފުންނަށް ނުވާތީ އާއި ގާނޫނީ ގޮތުން އެފަރާތްތައް ޒިންމާދާރު ކުރުވުމަށް ދަތިތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްކޫލްތަކުގެ ޓެންޑާ އިވެލުއޭޝަން ކޮމެޓީ ތަކުގައި ދައުލަތުގެ މުވައްޒަފުން ނޫން އެހެން ފަރާތްތަކަށް ބައިވެރި ނުވެވޭނެ ގޮތަށް ހަމަޖެއްސުމަށް މި މަހުގެ ތިން ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.
ދަރުމަވަންތަ ސްކޫލްގެ މަސަކްތައް ކުންފުންޏަކާ ހަވަލުކުރި މައްސަލައިގައި އޭސީސީން ބުނީ އެ މަސައްކަތްތަކަށް ހުށަހެޅި ބީލަންތައް އިވެލުއޭޓް ކުރުމުގައި އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހުށަހެޅި ބިޑުގައި އެ ފަރާތުގެ މާލީ ގާބިލުކަން ދައްކުވައިދޭފަދަ ލިޔުމެއް ހުށަހަޅާފައި ނުވިނަމަވެސް އެފަރާތުގެ ބިޑު ބަލައިގަނެ އިވެލުއޭޓްކޮށް މާލީ ގާބިލު ކަމަށް ޕޮއިންޓް ދީފައިވާ ކަމަށެވެ. އަދި މާލީ ގާބިލު ކަމަށް ކަނޑައަޅާފައިވާ ފަނަރަ ޕޮއިންޓް ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ފުރިހަމައަށް ލިބިފައި ނުވަނީ އެފަރާތްތަކުން ހުށަހެޅި ބީލަންތަކުގައި ކުންފުނީގެ އޮޑިޓް ރިޕޯޓެއް ނުވަތަ އެކައުންޓް ސްޓޭޓްމަންޓްތަކެއް ނެތުމުން ކަމަށް އިވެލުއޭޝަން ކޮމެޓީގެ މެމްބަރަކު ތަހުގީގުގައި ބުނެފައިވީ ނަމަވެސް އެ މަސައްކަތަށް ބީލަން ހުށަހެޅި ދެކުންފުންޏަކުން، އެދެކުންފުނީގެ ބިޑާއެކު އޮޑިޓް ރިޕޯޓުހުށަހަޅާފައި ވާތީ އަދި ބިޑާއެކު އެދެކުންފުންނީގެ ރިޕޯޓު ހުށަހަޅާފައިވާކަން ދަރުމަވަންތަ ސްކޫލްގެ ޓެންޑާ އިވެލުއޭޝަން ކޮމެޓީން ތައްޔާރުކޮށްފައިވާ ބިޑްތަކުގެ ޗެކް ލިސްޓުން އެނގޭ ކަމަށް ވެ ބުނެފައިވެ އެވެ.
ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ހަމަހަމަކަން ގެއްލޭ ގޮތަށް، ވަކި ފަރާތަކަށް ނާޖާއިޒް ފައިސާއެއް ލިބޭ ގޮތަކަށް އަމަލުކޮށްފައިވާތީ، އިވެލުއޭޝަން ކޮމެޓީގެ މެމްބަރުން ކަމުގައިވާ ދަރުމަވަންތަ ސްކޫލްގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ މުހައްމަދު އަލީއާއި ސްކޫލް ބޯޑުގެ މެމްބަރުންގެ ގޮތުގައި ބައިވެރިވި ދެ ފަރާތުގެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނާފަދަ ކުށެއް ކަމަށް ފެންނާތީ ދަރުމަވަންތަ ސްކޫލްގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރު މުހައްމަދު އަލީގެ މައްޗަށް ދައުވާ ކުރުމަށާއި އަދި އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ބައިވެރިވެފައިވާ ދެ ފަރާތަކީ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ދެ ފަރާތަކަށް ނުވާތީ އެ ދެމީހުންގެ މައްޗަށް ގޮތެއް ނިންމައިދިނުމަށް ވެސް އެދި އެ މައްސަލަ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.