މި ވަގުތަކީ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަން އެންމެ ރަނގަޅު ވަގުތު ކަމުގައި ބާސެލޯނާގެ އާޖެންޓީނާ މިޑްފީލްޑަރު ހާވިއާ މަޝެރާނޯ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އަތުން ބާސާ ފަސޭހަކަމާއެކު 5-1 ލަނޑުން މޮޅުވިއިރު، ރެއާލް މެޑްރިޑް ވެސް ފަސޭހަކަމާއެކު 4-0 ލަނޑުން ގެޓަފޭ އަތުން ވަނީ މޮޅުވެފައެވެ. އޮސަސޫނާ ކޮޅަށް ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ލަލީގާގައި 200 ލަނޑު ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް މެސީއަށް ވަނީ ލިބިފަ އެވެ.

މިހާރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ކޮޕަ ޑެލްރޭގައި ސްޕެއިންގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ބާސާ އާއި މެޑްރިޑް އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާ މެޗަށެވެ. ފަހަކަށް އައިސް މެޑްރިޑާއި ބާސާ ކުޅޭ މެޗުތައް ވެފައިވަނީ ވަރަށް ވާދަވެރި މެޗުތަކަކަށެވެ.

"މިއީ މެޑްރިޑާ ދެކޮޅަށް ނުކުންނަން އެންމެ ރަނގަޅު ވަގުތު. ދެ ޓީމް މިހާރު ދައްކާ ކުޅުމަށް ބަލާފައި، މި މެޗަކީ ވަރަށް ވަރުގަދަ މެޗަކަށް ވެގެންދާނެ. އަހަރެމެން މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ރަނގަޅު މުވައްޒަފުންތަކަކާއި ރަނގަޅު ކުޅުންތެރިންނާ އެކު ފެންވަރު ރަނގަޅު ކުޅުމަކަށް." މަޝެރާނޯ ބުންޏެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި މެޑްރިޑް ބައްދަލުކުރި ފުރަތަމަ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑުތައް ކާމިޔާބުކޮށް ދިނީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކޮޕާ ޑެލްރޭ ގައި ބާސާ އާއި މެޑްރިޑް ބައްދަލުކުރާ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ 12:00 ގައެވެ. މިމެޗު ކުޅޭނީ މެޑްރިޑްގެ ސެންޓިއާގީ ބެރްނެބުއޭ ސްޓޭޑިއަމްގަ އެވެ.