28 Jan 2013, 15:21
މަސްތުވާތަކެތި ގެންގުޅުނު މީހަކު 25000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ސ. މަރަދޫ ފާހި މުހައްމަދު ހައިސަމްގެ މައްޗަށެވެ. އޭނާއާ އެކު ގދ. ތިނަދޫ ނިޔުލައިފް ހަމްޒާދު އަބްދުލް އަޒީޒުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ މެއި 25 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަށް ހާއިރު އިތުރު ބަޔަކާއެކު ހައިސަމާއި ހަމްޒާދު ފާށިނާކިލެގެފާނުމަގުގައި ހުންނަ ޕާކްތެރެއަށް ވަދެވެން ހުންނަ ސިޑިމަތީގައި ތިއްބާ ފުލުހުން އެތަނަށް ދާން ފެށުމުން ހައިސަމް އޭނާ ހުރި ދިމާއިން ފަހަތަށް އެއްޗެއް އެއްލައިލި ކަމަށް އެތަނަށް ދިޔަ ފުލުހުން ބުނާކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭނާ އެއްލާލި އެތި ނަގައި ތަހުލީލު ކުރި އިރު އޭގައި ހުރީ 1.0226 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލްއާއި 0.1415 ގްރާމް ކެނަބިނޯލްކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން މަސްތުވާވަތެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުން ހައިސަމް ކުށްވެރިވާ ކަމަށާއި އޭނާ 15 އަހަރަށް ޖަލަށް ލުމާއެކު، ޖޫރިމަނާއަށް ވާ 25000ރ. އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.