ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް މެޑިކަލް ސާމާނު ފޯރުކޮށްދިނުމަށް އެސްޓިއޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލަށް މެޑިކަލް ސާމާނު މިހާރު ވެސް ފޯރުކޮށްދެމުން ދަނީ އެސްޓިއޯ އިން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ހުންނެވި މެޑިކަލް ޑިރެކްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރަށް ބޭނުންވާ ސާމާނުތަކާއި ހޮސްޕިޓަލަށް އަސާސީ ބޭނުމަށް ބޭނުން ގެންގުޅޭ އާލާތްތައް ފޯރުކޮށްދިނުމަށް އެސްޓިއޯއާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 18ގައި ހަމަވެފައިވާ ކަމަށެވެ.

މުއްދަތު ހަމަވެފައިވާ އެއްބަސްވުމެއްގެ ދަށުން އައިޖީއެމްއެޗަށް މެޑިކަލް ސާމާނުތައް ފޯރުކޮށްދޭތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އައިޖީއެމްއެޗްގެ އިސް ބޭފުޅުން މިއަދު ކޮމެޓީ އަށް ހާޒިރު ކުރުމުން، އެ މައްސަލާގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ބާތިލް އެއްބަސްވުމަކަށް މިހާރު އަމަލު ކުރަމުން ގެންދިއުމަކީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމުގައި އައިޖީއެމްއެޗް ޒިންމާވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސައަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ އައިޖީއެޗަކީ މިހާރު ހެލްތު މިނިސްޓްރީއެއްގެ ޑިޕާޓްމަންޓެއްގެ ދަށުން ހިނގަމުންދާތަކެއް ކަމަށާއި އެފަދަ އެގްރިމެންޓެއް އާކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ހެލްތު މިނިސްޓްރީ އަށް ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ މުއްދަތު ހަމަވެފައިވާ އެސްޓިއޯގެ އެއްބަސްވުން އާ ކުރުމަށް އެދިފައިވާނެ ކަމަށާއި މިނިސްޓްރީން ވެސް ބޭނުން ވަނީ މިހާރު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި އެ ބާރު އޮތް ނަމަ އެ އެއްބަސްވުން އަޅުގަނޑުމެން އާ ކުރާނެ. އެކަމަކު އެ އެއްބަސްވުން އާ ކުރުމާއި ނުކުރުގެ އިހްތިޔާރު އޮތީ މިނިސްޓްރީއަށް... މިހާރު ވެސް މިނިސްޓްރީން ވާހަކަދައްކަމުން ދަނީ އެއްބަސްވުން ކުރިއަށް ގެންދިއުމަށްޓަކާ. އަޅުގަނޑުމެން ވެސް އިންނާނެ ސިޓިއެއް ލިޔެފައި އެގްރިމެންޓް ހުއްޓަވާ ނުލައްވައި ކުރިއަށް ގެންދަވާށޭ، ތިމަންނަމެންގެ އެދުމަކީ އަދި ތިސް މަސް ދުވަސް އިތުރުކޮށްދިނުމޭ،" ޝަފީއު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ސާމާނާއި ބޭސްތައް ހުސްވަމުންދާ ކަމަށް އިޝާރާތް ކުރައްވައި ޝަފީއު ވިދާޅުވީ ސާޖަރީތަކަށް ބޭނުންވާ ބައެއް އާލާތްތަކާއި އާސާސީ ބައެއް ސާމާނުތަކާއި އެކިއެކި ތިއޭޓަރުގައި ބޭނުން ކުރާ ސާމާނު ވެސް ހުސްވަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ހައްލު ކުރުމަށް އެސްޓިއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.