ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) އަށް ސޮއި ކުރުވަމުން ގެންދާ ކަމަށް ބުނެ އެތަނުގެ ބައެއް މުވައްޒަފުން ޝަކުވާ ކުރަން ފަށައިފި އެވެ.

ނަމަވެސް އެވާހަކަތައް އެތަނުގެ ވެރިން ވަނީ ދޮގުކޮށްފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ކުޅުދުއްފުށީ ޕޯޓުން ސަންއޮންލައިނާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ އިއްޔެ އެތަނުގެ މުވައްޒަފުންނާ އެކު އެމްޕީއެލްގެ އިސް ބައެއް ބޭފުޅުން ބޭއްވި ބައްދަލުވުމެއްގައި އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންގެ ސައިޓް މެނޭޖަރު ހަސަން ފާއިޒު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ވަޒީފާގެ ކުރިއެރުން ލިބޭނީ ގައުމީ އިއްތިހާދު ޕާޓީއާ ބައިވެރިވެގެން ކަމަށް މުވައްޒަފުންގެ ގާތުގައި އޭނާ އެބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

"އެ ބައްދަލުވުމުގައި ކުންފުނީގެ އެމްޑީ އާއި ޖީއެމް ވެސް ބައިވެރިވެވަޑައިގެންނެވި، ވަޒީފާގެ ކުރިއެރުމެއް ކުންފުނީގެ ހަރަދުތައް ހުރި ގޮތުން އެހާ އަވަހަށް ލިބެން ނެތް ކަމަށް އެބޭފުޅުން ވިދާޅުވި. އެބައްދަލުވުމަށް ފަހު ފާއިޒު މުވައްޒަފުންނާ ވާހަކައެއް ދައްކަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި. އެތަނުގެ ވެރިން އެބައްދަލުވުމުން ނިންމާލައްވައިފައި ވަޑައިގެންނެވި، އެތަނުގައި ތިބެން ބޭނުންވާ ބަޔަކު މަޑުކުރުމަށް ފަހު އެނޫން މީހުން ސައިގަޑިޖެހިފައިވާތީ ސަޔަށް ދިއުމަށް އެދިވަޑައިގެން، އެތަނުގައި ބައެއް މުވައްޒަފުން މަޑުކުރި، ފާއިޒު ވިދާޅުވީ ވަޒީފާގެ ކުރިއެރުން ލިބޭނީ ޕާޓީ އަށް އެއްބާރުލުން ދީގެންނޭ، އެއްބާރުލުން ނުދޭ މުވައްޒަފުންނަށް ކުރިއެރުމެއް ނުލިބޭނެއޭ، އެކަހަލަ ގޮތަކަށް ވާހަކަތައް ހުރީ،" އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ފާއިޒު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ބިރެއް މުވައްޒަފުންނަށް ދައްކާފައި ނުވާނެ ކަމަށާއި އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

"ސައިޓްގައި ތިބޭ އަޅުގަނޑަކީ ވެސް އެމްޕީއެލްގެ މުވަޒަފަކަށްވާތީވެ ގާތް ރައްޓެހިން އެތަނުގައި ވެސް ތިބޭނެ، އެހެން ނަމަވެސް ކުންފުނީގެ މުވައްޒަފުންތަކަކަށް ވަޒީފާގެ ބިރު ދައްކުވައިގެން (ގައުމީ އިއްތިހާދު) ޕާޓީއަށް ވެއްދުމުގެ މަސައްކަތް ދައްކާފައެއް ނޯންނާނެ، އެއީ ހަމަ ބުހުތާނު ދޮގު،" ފާއިޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޕޯޓްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފަރުހޫދު މޫސާ މިއަދު ވިދާޅުވީ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން އެކަހަލަ އެއްވެސް ޝަކުވާއެއް ލިބިވަޑައިގެންފައިނުވާ ކަމަށާއި އެފަދަ އެެއްވެސް ފޯމެއް ފުރި ކަމެއް ވެސް އެނގިވަޑައިގެންނުގެންނަވާ ކަމަށެވެ.

"އަޅުގަނޑު ނޯންނާނެ އެއްވެސް މުވައްޒަފެއްގެ ކައިރީގައި އެކަހަލަ ވާހަކައެއް ވެސް ދައްކާފައެއް، ފޯމް ފުރާށެކޭ ވެސް ނުފުރާށެކޭ ވެސް، އަދި ވަޒީފާ އިން ވަކިކުރާނަމޭ ވެސް ނުކުރާނަމޭ ވެސް، އަޅުގަނޑު މިތަނާ ހަވާލުވެފައި ވެސް މުވައްޒަފުންގެ ކައިރީގަ ބުނެފައި އޮންނާނީ ސިޔާސީ ކަންކަން އެއީ ވަކި ފިކުރެކޭ، ކުންފުނީގެ ކަންކަން އެއީ ވަކި ކަމެކޭ،" ފަރުހާދު ވިދާޅުވި އެވެ.

އެތަނުގައި މަސައްކަތް ކުރަމުން ގެންދާ ގާތްގަނޑަކަށް 45 މުވައްޒަފުންގެ ތެރެއިން 30 މުވައްޒަފުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ގައުމީ އިއްތިހާދަށް ވަނުމަށްޓަކައި ފޯމް ފުރާފައިވާ ކަމަށް އެތަނުން ވާހަކަ ދެއްކި މުވައްޒަފުން ބުންޏެވެ.