ފުލުހުންގެ ޓްރެއިނިންގް އެއްގައި ބޭނުން ކުރުމަށްޓަކައި ރާއްޖެ ގެނައި ލެސްލީތަލް ދެ ބަޑި ކަސްޓަމްސުން ހިފަހައްޓަައިފި އެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް ގެނެސްފައިވާ އެ ތަކެއްޗަކީ ދެ ފިސްތޯލަ ކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާގައި އަޑުފެތުރިފައި ވަނިކޮށް ކަސްޓަމްސްގެ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލީތަލް ލައުންޗާ (ޕެއިންޓް ބޯލް) ނަމަކަށް ކިޔާ އެ ބަޑިއަކީ ފިލްމްތަކުގައާއި ގޭމްތަކުގައި ބޭނުންކުރާ އެއްޗެއް ކަމަށާއި އެެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށެވެ.

"މިއީ ފިސްތޯލައެއް ނޫން، މިއީ ޕެއިންޓް ބޯލް ގަނެއް، މީގައި ވަޒަނެއް ވެސް ނުހުންނާނެ މެގަޒިން އަށް ލައްވާފައި ހުންނާނީ، ޕެއިންޓް ބޯލްތަކެއް، ކުލަގަނޑެއް. އެހެންވީމާ ޖެހީމާ މީހާގެ ގައިގާ ގޮސް ޖެހޭނީ ކުލަގަނޑެއް،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ކަސްޓަމްސުން އެތަކެތި ހިފެހެއްޓީ އެފަދަ އެއްޗެއް އައިސްފި ނަމަ އެމްއެންޑީއެފުން ނަގަން ޖެހޭ ހުއްދަތައް ނަގާފައިވޭތޯ ބެލުމަށް ކަމަށާއި އެކަންތައް ސާފުކުރަން ކަމަށެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ބަޑިއަކީ ފުލުހުންގެ ތަމްރީންތަކުގައި ބޭނުން ކުރުމަށް ޓަކައި ޑިފެންސް މިނިސްޓްރީން ހުއްދަ ހޯދައިގެން އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ. އަދި އެތަކެއްޗަކީ ފިސްތޯލައެއް ކަމަށް ބުނެ ކަސްޓަމްސްގެ ރަސްމީ ބަހެއް ނުހޯދައި ބައެއް މީޑިއާތަކުގައި ހަބަރު ފަރުރަމުން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލެސްލީތަލް ވެޕަން އާއި ނޮން ލެސްލީތަލް ވެޕަން ބޭނުންކުރުމުގެ ހުއްދަ ވަނީ ލިބިދީފަ އެވެ.