28 Jan 2013, 13:41
ރާއްޖޭގެ ގައުމީ ވޮލީބޯލް ޓީމްގައި ހިމެނޭ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ނަންތައް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަދު އިއުލާންކޮށްފި އެވެ.
މި އަހަރު ރާއްޖޭގެ ގައުމީ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކުރާ ފިރިހެން ސީނިއާ ސްކޮޑްގައި ހިމެނޭ 26 ކުޅުންތެރިންގެ ސްކޮޑަށް ނަގާފައި ވަނީ އެސްޓީއޯގެ ނުވަ ކުޅުންތެރިންނާއި ދިވެހި ސިފައިންގެ ކުލަބުގެ ހަތް ކުޅުންތެރިންނާއި ޕޮލިސް ކުލަބުގެ ކުޅުންތެރިންނާއި ޔޫތު ސްޕޯޓްސް ކުލަބުގެ ދެކުޅުން ތެރިއަކާއި ސްޕޯޓްސް ކުލަބް ސިޓީއިން އެއްކުޅުންތެރިއަކާއި ޕީކޭގެ ކުޅުންތެރިއެކެވެ.
ގައުމީ ޓީމުގެ ކޯޗަކަށް މިފަހަރު ވެސް ހަމަޖައްދާފައި ވަނީ، ވޭތުވެދިޔަ އަހަރު ވެސް ޓީމުގެ ކޯޗަކަށް ހުރި ސައުތު ކޮރެއާގެ ހަން ހުން އެވެ.
ވީއޭއެމްގެ ޖެނެރަލްސެކްރެޓަރީ ޙުސައިން މުޙައްމަދު ވިދާޅުވީ "ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށާނީ ކޯޗު ރާއްޖެ އައުމުން" ކަމަށާއި "މި މަހު 31ގައި ކޯޗް މާލެ އަންނަ ގޮތަށް ހަމަޖެއިފައި އޮތީ. އުއްމީދު ކުރަނީ އިރާދަކުރެއްވިއްޔާ ފެބްރުއަރީ ފުރަތަމަ ހަފްތާ ތެރޭގައި ޕްރެކްޓިސް ފެށޭނެ ކަމަށް،" ކަމަށެވެ.
ޓީމަށް ކުޅުންތެރި ނަގާފައިވާގޮތާ ބެހޭ ގޮތުން ވީއޭއެމްގެ ޓެކްނިކަލް އެންޑް ޑެވެލޮޕްމަންޓު ކޮމިޝަންގެ ޗެއާމަން މުޙައްމަދު ޝަރަފް ވިދާޅުވީ މިފަހަރު ހޮވާފައި އެވާ ގައުމީ ސްކޮޑަކީ މުސްތަގުބަލުގައި ރަނގަޅު ކާމިޔާބުތަކެއް ހޯދޭނޭ ފަދަ ގޮތަކަށް ވަރަށް ބޮޑަށް ބަލައިގެން ނަގާފައިވާ ސްކޮޑެއް ކަމަށެވެ.
"ފާހަގަ ކޮށްލަން ޖެހޭ މުޙިއްމު ކަމަކީ ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރޭގައި އެބަތިބި ވަރަށް ޅަ ޢުމުރުން ހަގު ކުދިންކޮޅެއް. ކޯޗުގެ ލަފަޔާއެ އެކުދިން ހޮވާފައި އެތިބީ އެ ކުދިންގެ އެބިލިޓީއަށް ބަލާފައި. އެހެންވީމާ އަޅުގަނޑު ފާހަގަކޮށްލަން މިފަހަރުގެ މި ގައުމީ ޓީމަކީ މުސްތަގުބަލަށް ރޭވިގެން މުސްތަގުބަލުގައި ޓާގެޓެއް އެޗީވް ކުރަން މިހާރުވެސްތިބި އެންމެ 'ކްރީމް' ކުޅުންތެރިންނާއިގެން ނެގިފައިވާ ސްކޮޑެކޭ"، ޝަރަފް ވިދާޅުވި އެވެ.
ޝަރަފް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިފަހަރު ގައުމީ ވޮލީބޯލް ޓީމްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކުރިއަށް އޮތް ސާފްގޭމްސްގައި ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށެވެ.
މި އަހަރު ރާއްޖެ ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރޭގައި އެފްއައިވީބީ 2014 ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން އާއި، އިންޑޮނޭޝިއާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑިޓަރީ ގޭމްސް 2013 އާއި ދުބާއީގައި އޮންނަ 17ވަނަ ސީނިއާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އިތުރުން ސައުތު އޭޝިއަން ގޭމްސް ހިމެނެ އެވެ.
ގައުމީ ވޮލީބޯލް ޓީމުގެ 26 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަކީ:
އެސްޓީއޯ: އިޝާން މުޙައްމަދު (ބަޓިސް)، އިސްމައިލް ސާޖިދު، އަޝްފާގު އާދަމް (އައްކަޅޭ)، ޢަލީ ހުޒާމް، ޢަލީ ޢާމިރު، ހުސައިން ސަޢީދު (ސެންޑީ)، އަހްމަދު ނަބީލު، ހުސައިން ވިޝާމް، އަދި ހުސައިން ޔޫސުފް.
ޑީއެސްސީ: އަޙްމަދު ޢަބްދުލް ކަރީމް (ލޯންގޭ)، އަޙްމަދު އަނިލް ނަސީރު، ޝިއުނާޒު ޢަބްދުލް ވާހިދު (މަންކީ)، ޖުނައިދު ޢަބްދުﷲ (މާމަ)، މުޙައްމަދު އަޙްސަން، އަދުނާން އަބްދުލް ހަމީދު، އަދި ޙުސައިން ޝާހިދު.
ޕޮލިސް ކުލަބް: ޙުސައިން ހަމީދު (ހަމިއްޓޭ)، ޢަކީ މައުރޫފް، ޝާއިން މުޙައްމަދު، ސިނާން ޙުސައިން، މުޙައްމަދު ނާހިދު (ޕީ.ލޯންގޭ)، އަދި އިބްރާހީމް ޙުސައިން.
ޔޫތު ސްޕޯޓްސް ކުލަބު: އަޙްމަދު ފަޒީލް، އަދި ޝުޢައިބު ޢަބްދުއްލަތީފު.
ޕީކޭ: ހަސަން އިބްރާހީމް.
ސްޕޯޓްސް ކުލަބް ސިޓީ: މުޙައްމަދު ޒިޔާން