އައިޖީއެމްއެޗު 11 ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް ލޯނެއް ލިބެން ހަމަޖެހިފައި އޮތަސް މާލިއްޔަތު ގާނޫނާ ހިލާފު ކަންތައްތަކެއް މެދުވެރިވެގެން، އެ އިމާރާތުގެ މަސައްކަތް ދެން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ހުންނެވި މެޑިކަލް ޑިރެކްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އެނދުތައް ފުރި އެ ހޮސްޕިޓަލްގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މައްސަލާގައި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމުން ޝަފީއު ވިދާޅުވީ އިމާރާތުގެ މަސައްކަތް ނިންމުމަށް ލޯނު ހަމަޖެހިފައިވީ ނަމަވެސް، އަލުން އެ އިމާރާތް ނިންމުމަށް ޓެންޑާ ކުރުމާއި ނުކުރުމުގެ އިހްތިޔާރު އޮތީ ޓެންޑާ ބޯޑުން ކަމަށެވެ. އަދި އިމާރާތުގެ މިހާރުގެ ކޮންޓްރެކްޓާއާ އެކު މަސައްކަތް އިތުރަށް ކުރިއަށް ގެންދާނެ ކަމެއް އެ ބޯޑުން ނިންމާފައި ނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އާ އިމާރާތުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރާ ހަވާލު ކުރުމުގައި މާލިއްޔަތު ގާނޫނާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް އިޝާރާތް ކުރައްވައި ޝަފީއު ވިދާޅުވީ އިމާރާތް އެޅުމަށް ފުރަތަމަ ބިޑް ކުރި އަދަދަށް ވުރެ، 20 ޕަސެންޓް ބޮޑުވެއްޖެ ނަމަ އެ މަސައްކަތް އަލުން ހަވާލު ކުރުމަށް މާލިއްޔަތު ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ.

"ޖުމްލަ ބިޑު ކުރި އެމައުންޓް އިތުރަށް ދާ އަދަދު ބޮޑު ކަމުން، ޓެންޑާ ބޯޑުން ނުނިމިފައި އޮތީ... ބިޑުކޮށްފައި އޮތް އަދަދަށް ވުރެ ބޮޑަށް، 20 ޕަސެންޓް ބޮޑުވެއްޖެއްޔާ މާލިއްޔަތު ގާނޫނު ހުއްދައެއް ނުކުރޭ، އެ ޕަސެންޓޭޖު ބޮޑުވީމާ އެގޮތަކަށް ކުރިއަށް ގެންދާ ކަށެއް. ޑޮލަރު ޑީވެލިއު ކުރުމާ އެކު މިކަހަލަ ހުރިހާ ޕްރޮޖެކްޓްތަކުގެ ކޯސްޓިންއަށް ބަދަލު އަންނާނެ،" އިސްލާއިލް ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް ނިންމުމަށްޓަކައި އިސްލާމިކް ބޭންކުން 76 މިލިއަން ރުފިޔާގެ ލޯނެއް ލިބިފައިވާ ކަމަށާއި އެ ފައިސާ ލިބުމުން ފަސް މަސް ދުވަހުގެ ތެރޭގައި އިމާރާތް އެއްކޮށް ނިންމާލާނެ ކަމަށް މިހާރުގެ ކޮންޓްރެކްޓަރު ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ 11 ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިންމުމަށް ޓަކައި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށާއި ނަމަވެސް ގާނޫނީ ހުރަސްތަކެއް ކުރިމަތިވުމުން މިހާރު އެ މަސައްކަތް އޮތީ "އުނދަގޫ" މަރުހަލާއެއްގައި ކަމަށެވެ.

އައިޖީއެމްއެޗްގައި އިމާރާތް ކުރާ 11 ބުރީގެ އިމާރާތަކީ ބަލި މީހުންނަށް ފަރުވާދެވޭ ގޮތަށް ހަމަޖައްސާފައިވާ 112 އެނދު އިމާރާތެއް ކަމަށް ޝަފީއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އިމާރާތުގެ ބޮޑު ޖާގައެއް ދާނީ އެންމެ ގިނައިން ހޮސްޕިޓަލުން ފަރުވާ ހޯދާ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ކަމަށެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހުރިހާ ހަރަދެއް ދިވެހިންނަށް ހިލޭ ލިބޭ ހޮސްޕިލަޓްގެ ގޮތުގައި އައިޖީއެމްއެޗް ހަމަޖެހިފައި އޮތުމުން، އާސަންދައިން ލިބޭ ފައިސާ އައިޖީއެމްއިން ބޭނުން ކުރަމުންދާ ގޮތާ ބެހޭ ގޮތުން ކޮމެޓީގެ މެންބަރުން ވަނީ ޝަފީއުއާ ސުވާލު ކުރައްވާފަ އެވެ. ޝަފީއު ވިދާޅުވީ ކޯޕަރޭޝަންގެ ދަށުން ހޮސްޕިޓަލް ވަކިވެ، މި މަހުން ފެށިގެން އެ ހޮސްޕިޓަލް ހިންގަމުންދަނީ ހެލްތު މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ދަށުން ކަމަށްވުމުން އާސަންދައިގެ ފައިސާ ލިބެނީ މިނިސްޓްރީއަށް ކަމަށެވެ. ނަމަވެސް މާލެ ހެލްތު ކޯޕަރޭޝަންގެ ދަށުގައި އައިޖީއެމްއެޗް އޮތް އިރު، އާސަންދައިގެ ދެ މަހުގެ ފައިސާ ލިބުނު ކަމަށް ޝަފީއު ވިދާޅުވި އެވެ.