28 Jan 2013, 13:00
ދަރުބާރުގޭގެ މުވައްޒަފުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުން މާލޭ ސިޓީ ކައުންސިލުން ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު އެގޮތަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލައިގައި ސިވިލްސާވިސް ކޮމިޝަންގެ ފަރާތުން ނެގި އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ ކައުންސިލުން ފާސްކުރާ ގަރާރުތައް އާންމުކޮށް ހާމަކުރަންވާނެ ކަމާއި އަދި އެގޮތަށް އާންމު ނުކުރާ ގަރާރުތަކަކީ ސައްޚަ އަމުރުތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ގާނޫނުގައި އެފަދައިން ބުނެފައިވާ އިރު މާލޭ ސިޓީ ކައުންސިލުން ދައުވާތައް ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމުގެ ބާރު މޭޔަރާއި ޑެޕިއުޓީ މޭޔަރު ނުވަތަ އެއްއިން ބޭފުޅަކު ނެތް ނަމަ ހިންގުން ހަވާލުކޮށްފައިވާ މީހަކަށް ދިނުމަށް ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގަރާރަކީ އާންމުކޮށް ހާމަކޮށްފައިވާ ގަރާރެއްކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޑެޕިއުޓީ މޭޔަރު ސޮއިކޮށް ހުށަހަޅުއްވާފައިވާ އެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ ދައުވާގައި ބުނަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ދަރުބާރުގޭގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ 17 މުވައްޒަފުން ސިޓީ ކައުންސިލަށް އެނގުމަކާއި ނުލައި ސިވިލް ސަވިސްގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަދި ސިވިލްސާވިސް ކޮމިޝަންގެ އެ ނިންމުމަކީ ގާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި ސިޓީ ކައުންސިލަށް ނާންގައި ދަރުބާރުގޭގައި މަސައްކަތްކުރާ މުވައްޒަފުން ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފައިވާތީ ދަރުބާރުގެ ކުއްޔަށްދިނުމަށް ހުރަސްއެޅި، މާލީ ގޮތުން ގެއްލުންވަމުންދާތީ އެމުވައްޒަފުން އަލުން އަނބުރާ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި ސިޓީ ކައުންސިލުން އެދިފައިވެ އެވެ.