28 Jan 2013, 12:53
ބަޖެޓުގެ ތާށިކަމާ ހުރެ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން ނިންމި 23 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތް ފަސްކޮށްފި އެވެ.
ކުރިން ގައުމީ އެތުލެޓިކްސް މުބާރާތް ބާއްވަން ނިންމީ މި މަހުގެ 24 އިން 27ގެ ނިޔަލަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް މިއަދު ވިދާޅުވީ، މުބާރާތް އަލުން ދެން ބާއްވާނެ ތާރީހެއް ކަނޑައަޅާ، ފައިނަލް ކުރާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެއެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަށް ފަހު ކަމަށެވެ. އަދި މުބާރާތް މިފަހަރު ވެސް ބޭއްވުމަށް ނިންމާފައި ވަނީ މާލޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިބަލަނީ ވީހާ ވެސް އަވަހަކަށް ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން. އެއަށް ފަހު މުބާރާތް ބާއްވާނެ ތާރީޚެއް އަންނަ ހަފުތާގައި އިއުލާން ކުރަން،" މުންތަގިމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ބޭއްވި މުބާރާތް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބާއި ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ ޅ. ކުރެންދޫ ޒިފިއަސް ސްޕޯޓްސް ކްލަބުގެ އަފާ އިސްމާއިލް އާއި ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދެވެ.