28 Jan 2013, 12:50
ރާއްޖޭގެ ތަކެތީގެ އަގުތައް ބޮޑުވި މިންވަރު މިދިޔަ އަހަރުގެ ތެރޭގައި 10.88 ޕަސެންޓް މަތިވެފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ނެޝަނަލް ޕްލޭނިންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މަރިޔަމް ނިޔާފް ވިދާޅުވީ ވޭތުވެ ދިޔަ އަހަރުގެ ތަފާސްހިސާބްތަކަށް ބަލާ އިރު ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން ވޭތުވެ ދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން 0.39 ޕަސެންޓް އިތުރުވެފައިވާ އިރު 2011 ވަނަ އަހަރުގެ ޑިސެމްބަރުން 2012ގެ ޑިސެމްބަރުގެ ނިޔަލަށް 5.05 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އަޅާބަލާ އިރު 10.88 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގޮތަކަށް ބެލި ނަމަވެސް، މަހުން މަހަށް ބެލިޔަސް އެއް އަހަރުން އަނެއް އަހަރަށް ބެލިކަމުގައި ވިޔަސް އިންފްލޭޝަން މިހިރީ މަތީގައި،" ނިޔާފް ވިދާޅުވި އެވެ.
އިންފްލޭޝަން ރޭޓް އެންމެ މައްޗަށް ގޮސްފައިވާ ބައިތަކަށް ބަލާ އިރު އެންމެ ބޮޑަށް އިންފްލޭޝަން ރޭޓް މަތިވެފައި ވަނީ ތަރުކާރީގެ ބައިންނެވެ. އެގޮތުން ތަރުކާރީގެ ބައިން 8.86 ޕަސެންޓަށް އިތުރުވެފައިވާ އިރު މަހުގެ ބައިން 2.89 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި ކާނާގެ ބާވާތްތަކުން 2.08 ޕަސެންޓް އިތުރުވެފައިވާ އިރު މޭވާގެ ބައިން ވަނީ 1.06 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
ތަފާސްހިސާބްތަކަށް ބަލާ އިރު އިންފްލޭޝަން ރޭޓް ދައްވެފައިވާ އިކްއިޕްމެންޓް ފޯ ރިސެޕްޝަންގެ ދާއިރާ އިން 4.66 ޕަސެންޓް ދައްވެފައިވާ އިރު ޓޫލުސް އާއި އިކްއިޕްމެންޓްގެ ދާއިރާ އިން ވަނީ 4.63 ޕަސެންޓް ދަށަށްގޮސްފަ އެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން 3.37 ޕަސެންޓް އިންފްލޭޝަން ދަށަށް ގޮސްފަ އެވެ.
ނިޔާފް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓަށް ބަލާ އިރު އެންމެ ބޮޑަށް ދައްވެފައި ވަނީ ސިއްހީ ދާއިރާ އިން ކަމަށާއި އެ ބަދަލު އައިސްފައި ވަނީ އާސަންދަ ތައާރްފަކުރުމާ ގުޅިގެން ކަމަށެވެ.