މައްސަލައެއްގެ ތަހުގީގަށް ބ. ތުޅާދު އަށް ދިޔަ ފުލުހުންނަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ތުޅާދު އަށް ފުލުހުން އަރައި 11 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ ދެ ކައުންސިލަރުން އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. އަދި މިހާރު ހައްޔަރުކޮށްފައި ތިބި ނުވަ މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ރަށުން 11 މީހަކު ފުލުހުން ހައްޔަރުކުރީ އަދާލާތު ޕާޓީގެ ރައީސް ތުޅާދު އަށް ދިއުމުން އޭނާ އަކީ ފިތުނައިގެ މީހެއް ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އެއްވެ އޭނާއާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުން ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އެމީހުން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ތުޅާދު އަށް ދިޔަ ފުލުހުންނަށް ހުރަސް އެޅުމުން ކަމަށެވެ. ފުލުހުން އިއްޔެ ވަނީ ކުޑަކުއްޖަކާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތުޅާދޫން އުމުރުން 21 އަހަރުގެ ޒުވާނަކު ވެސް ހައްޔަރުކޮށްފަ އެވެ. ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްދީފަ އެވެ.

ތުޅާދޫން ހައްޔަރު ކުރި 11 މީހުންގެ ތެރޭ ހިމެނޭ ދެ ކައުންސިލަރުން ދޫކޮށްލައި އަނެއް ނުވަ މީހުންގެ މުއްދަތު ފަސް ދުވަހަށް ކޯޓުން އިއްޔެ ވަނީ އިތުރު ކޮށްދީފަ އެވެ.

ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނާ ދިމާލަށް "ބާޣީ" އޭ ގޮވާފައިވާތީ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ފުލުހުން ހިންގި ޖަރީމާތައް ރަނގަޅަށް ތަހުގީގުކޮށް ބެލުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިޔުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފަ އެވެ.