ނަތީޖާ އަށް އަމާޒުކޮށް ތަރައްގީގެ ޕްލޭން އެކުލަވާނޭ ގޮތް ދަަސްކޮށް ދިނުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ޔުނިސެފް ގުޅިގެން، އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންނަށް އަމާޒުކޮށްގެ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގައި ކުރިއަށް ގެންދާ އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ޑރ. އާސިމް އަހްމަދު އެވެ. އެ ވޯކްޝޮޕްގައި ކިޔަވައި ދެއްވާނީ ޔުނިސެފާއި ޕްލޭނިންގް ޑިޕާޓްމެންޓްގެ ފަންނީ ބޭފުޅުންނެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، "އަޅުގަނޑުމެން މި ނިޒާމް ބަލައިގެންފައި މިވަނީ ވަރަށް ބޮޑު އުންމީދު ތަކަކާ އެކު" ކަމަށާއި "މި ނިޒާމަކީ އަޅުގަނޑުމެންގެ ގައުމުގެ ހިންގުން އަމިއްލަ އަތް މައްޗަށް ލިބޭ ގޮތަށް ބައްޓަން ކުރެވިފައިވާ ނިޒާމެއް" ކަމަށެވެ.

"އެހެންކަމުން މިއަދު ފެށޭ މި ވޯކްޝޮޕަކީ އަޅުގަނޑުމެން 2008 ވަނަ އަހަރު ގާއިމް ކުރި ލޯކަލް ގަވަރުމެންޓް ސިސްޓަމް ހިންގުމަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ އެ ނިޒާމްގެ ފުރިހަމަ ފައިދާ ހޯދުމުގައި ވަރަށް މުހިއްމު ވޯކްޝޮޕެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ވޯކްޝޮޕާ ގުޅޭ ގޮތުން އެލްޖީއޭގެ ނައިބު ރައީސް ޝުޖާއު ހަސަން ވިދާޅުވީ ވޯކްޝޮޕްގެ ސަބަބުން ރަށާއި އަތޮޅު ތަރައްގީއަށް ޕްލޭން ތައްޔާރު ކުރުމުގައި މައުލޫމާތާއި ތަފާސް ހިސާބު އެއްކުރާނެ ގޮތް ކައުންސިލަރުންނަށާއި އެހެނިހެން މުވައްޒަފުންނަށް ދަސްވެގެންދާނެ ކަމަށެވެ.