28 Jan 2013, 11:56
ޤާހިރާ (ޖަނަވަރީ 28): މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ތިން ރަށެއްގައި ކުއްލި ޙާލަތު އިޢްލާންކޮށް މީހުން މަގުތަކަށް ނުކުމެއުޅުން މަނާކޮށްފި އެވެ.
ކުއްލި ޙާލަތު އިޢްލާންކުރި ތިން ރަށަކީ ސްވޭސް ކެނެލްގެ އައްސޭރީގައިވާ ތިން ރަށް ކަމަށްވާ ބޫރުސަޢީދު، އަލްއިސްމާޢީލިއްޔާ އަދި ސުވޭސް އެވެ. މިއީ މިދިޔަ ހަފްތާ އިން ފެށިގެން މިސްރުގައި ކުރިޔަށްދާ ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިނގާފައިވާ ތިން ރަށެވެ. ކުއްލި ޙާލަތު އިއްލާންކުރުމަށް ފަހު ރައީސް މުޙައްމަދު މުރުސީ ވަނީ ރައްޔިތުންނާ މުޚާތަބުކުރައްވައި ޓީވީ ޚިތާބެއް ދެއްވާފަ އެވެ. އެ ޚިތާބުގައި، ކުއްލި ޙާލަތު އިޢްލާންކުރީ ރޭގަނޑު 9:00 ން ފެށިގެން ހެނދުނު 6:00 އާ ހަމައަށްކަމަށާއި ނަމަވެސް ހަމަނުޖެހުންތައް އިތުރުވާ ނަމަ އިސްތިސްނާއީ ފިޔަވަޅުތަކެއް ވެސް އަޅަންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައިވެ އެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމާ އެކު މިސްރަށްއައި ރައްޔިތުންގެ އިންގިލާބަށް ދެ އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެފައިވެ އެވެ. މީގެ އިތުރުން ބޫރުސަޢީދުގެ ޖަލެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 33 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެ އެވެ.
އަނެއްކޮޅުން ރޭގެ ވަގުތެއްގައި މުރުސީ ދެއްވި ޚިތާބުގައި މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިސްލާޙީ މަޝްވަރާތަކަކަށް ވަޑައިގަތުމުގެ ދަޢްވަތު މިސްރުގެ އިދިކޮޅު ސިޔާސީ ޝަޚްސިއްޔަތުތަކާއި ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކަށް މުރުސީ ވަނީ ދެއްވާފަ އެވެ. މިއިސްލާޙީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މުރުސީގެ ރިޔާސީ ގަނޑުވަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ މުރުސީގެ ވެރިކަމާ އިދިކޮޅު ޢިލްމާނީ ޚިޔާލުގެ ސިޔާސީ ފަރާތްތައް ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތެރޭގައި އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޙަމްދީން ސަބާޙީ އާއި މުޙައްމަދުލްބަރާދްޢީ އާއި ޢަމްރު މޫސާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް މުރުސީގެ ސަރުކާރުން ތުހުމަތުކުރެ އެވެ.
މުރުސީ ވަނީ ރިޔާސީ ގަނޑުވަރުގައި ބާއްވާ ގައުމީ ފެންވަރުގެ އިސްލާޙީ މަޝްވަރާތަކަށް ވަޑައިގަތުމަށް މި ތިން ބޭފުޅުންނަށް ދައްވަތު އަރުވާފަ އެވެ. (އަލްޖަޒީރާ)