28 Jan 2013, 11:56
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ދެ ކުއްޖެއްގެ މައްޗަށް ހެކިބަސްދީފައިވާ މީހުންގެ ތަހުގީގު ބަޔާންތައް ދޫނުކުރުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެ ދެ ކުދިންގެ ގާނޫނީ ޓީމުން ނިންމައިފި އެވެ.
އެ ދެ ކުދިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހަސީން މިއަދު ވިދާޅުވީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވުމަށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހެއްގެ މައްޗަށް ކުރެވޭ ދައުވާގައި ހުރި ހުރިހާ ހެއްކަކާއި ގަރީނާއެއް އެމީހަކަށް އެނގިގެން ނޫނީ ދިފާއު ނުވެވޭނެކަމަށާއި ސިއްރު ހެކި ހުށަހެޅިކަމަށް ވިޔަސް ހެކިވެރީންގެ މައުލޫމާތު އުނިކުރުމަށްފަހު ތަހުގީގު ބަޔާންތައް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެމީހެއްގެ މައްޗަށް ކުރެވޭ ދައުވާގައި ހުރި ހެއްކާއި ގަރީނާ އެމީހަކަށް އެނގިގެން އެމީހަކަށް ދިފާއު ވެވޭނީ. އެހެންނަމަވެސް ޖުވެނައިލް ކޯޓުން ލިޔުންތައް ދިނުމަށް މި އިންކާރު ކުރަނީ ސިއްރު ހެކި ހުށަހަޅާނެ ކަމަށް ބުނެ. އަދި ސިއްރުން ހެކި ހުށަހަޅާނެކަމަށް ދައުލަތުން ބުނިނަމަވެސް އެންމެ ކުޑަމިނުން ހެކިވެރިން އެބުނަނީ ކޯއްޗެކޭކަން. ތުހުމަތު ކުރާކަމަކީ ކޮބައިކަން. އެއީ ކޮންބައެއްކަން އަދި ނޭނގުނު ނަމަވެސް ލިޔުންތައް ލިބެންޖެހޭނެކަމަށް އަޅުގަނޑުމެން މިދެކެނީ،" ހަސީން ވިދާޅުވި އެވެ.
އެ ދެ ކުދިންގެ ގާނޫނީ ޓީމުން ތަހުގީގު ބަޔާންތައް ހޯދުމަށް އެދިފައި ވަނީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވައިދުގެ ދަށުންނެވެ. އަދި އެ ލިޔުންތައް ދޫނުކުރެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ކަނޑައަޅާފައި ވަނީ އެ ގަވާއިދަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
"ދައުވާ ލިބޭ ދެ ކުދިންގެ ދިފާއީ ވަކީލުން ހޯދުމަށް އެދިފައިވާ ލިޔުންތަކަކީ ދައުލަތުން ސިއްރު ކުރުމަށް އެދިފައިވާ ލިޔުންތަކަކަށްވާތީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ) (ރ) އަދި 27 ވަނަ މާއްދާގެ (ހ) ގެ (2)، (5) އަދި 28 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްވެ ދެންނެވުނު ލިޔުންތައް ދޫކުރެވެން ނެތްކަމަށް ކަނޑައަޅައި އިޖުރާއީ ނިންމުމެއް ޝަރީއަތުން އިއްޔެ ވަނީ ނިންމާފައި،" ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ދެ ކުދިންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ ފެބުރުވަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30 އާއި ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާނގެ މުދަލަށް އެ ދެ ކުދިން ގެއްލުންދީފައިވާކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ދެ ކުދިން ވަދެގަނެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.
ފެބްރުވަރީ އަށްވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މީހުންގެ ތެރޭގައި ކައުންސިލަރުންނާއި ސިވިލްސާވަންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެސް ހިމެނެއެވެ.